އެސްޓީއޯއިން ރަމަޟާން މަހަށް ޚާއްޞަކޮށް ބާޒާރުގެ އަގުތައް ތިރިކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ބާޒާރުގައި މިހާރު 20 އާއި 30 ރުފިޔާއާ ދެމެދުގައި ވިއްކަމުންދާ ފިޔާ، 16 ރުފިޔާގެ ހެޔޮ އަގެއްގައި އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.
އެސްޓީއޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، 25 ކިލޯގެ ފިޔާ ބަސްތާއެއް 350 ރުފިޔާއަށް ވިއްކަމުންދާއިރު، 10 ބަސްތާއަށްވުރެ ގިނައިން ގަންނަ ފަރާތްތަކަށް ބަސްތާއެއް 340 ރުފިޔާއަށް ލިބޭނެއެވެ. މި ހެޔޮ އަގުގެ ފިޔާ އެސްޓީއޯގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ހަމައެހެންމެ، ބާޒާރުގައި ކާށީގެ އަގު މައްޗަށް ގޮސްފައިވާތީ، އެސްޓީއޯއިން ވަނީ އިންޑިއާއިން ކާށި އިމްޕޯޓްކޮށް، މިއަދުން ފެށިގެން ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކާއްޗެއް 5 ރުފިޔާގެ ހެޔޮ އަގެއްގައި ވިއްކަން ފަށައިފައެވެ. މިއީ މިދިޔަ އަހަރުގެ ރޯދަމަހު ބާޒާރުގައި ކާއްޗެއް 15 ރުފިޔާއަށް ވިއްކަމުން ދިޔައިރު، ވަރަށް ބޮޑު ތަފާތެކެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވަނީ އިތުރު ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އިމްޕޯޓްކުރުމަށް ރާވައިފައެވެ. މީގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ބިސް، އަލުވި އަދި ކަދުރު ހިމެނެއެވެ. އަދި ތާޒާ ތަރުކާރީ އާއި މޭވާގެ ގޮތުގައި ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް އަދި ކިއުކަންބާ ހިމެނެއެވެ. މީގެ އިތުރުން ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު ފަދަ ޕްރޮސެސްޑް ކާނާގެ އިތުރުން ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑޫ ފަދަ ކެއްކުމަށް ބޭނުންކުރާ ތަކެތިވެސް އިމްޕޯޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ