އެސްޓީއޯއިން މިއަދު ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ރޯދަ މަހަށް ވިއްކުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ ތެރެއަށް ކާށި އިތުރުކޮށް، ކާށީގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސް އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއާއިން ގެނެވުނު މި ފުރަތަމަ ޝިޕްމަންޓްގެ ކާށި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކަން ހަމަޖެހިފައިވަނީ ކާއްޓެއް 5 ރުފިޔާގެ ރޭޓުންނެވެ. މީގެ އިތުރުން ރޯދަ މަހަށް ހާއްސަކޮށްގެން ލުނބޯވެސް ރާއްޖެއަށް ގެނެސް، އެ ބާވަތްވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ރޯދަ މަހަށް އެސްޓީއޯއިން ވިއްކުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް، އަލުވި، ކާށި އަދި ކަދުރު ފަދަ އަސާސީ ކާބޯތަކެތި ހިމެނެއެވެ. އަދި ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، އަދި ކިއުކަންބާ ފަދަ ތާޒާ ތަރުކާރީ އާއި މޭވާގެ އިތުރުން، ނެސްލޭ ކުރީމް، ކޮކޯ ޕައުޑަ، ބޭކެޓް ބީންސް، އަދި ގެރިކިރު ދަޅު ފަދަ ޕްރޮސެސްޑް ކާނާވެސް ހިމެނެއެވެ. މީގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ސަންފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑޫވެސް ވިއްކުމަށް ހަމަޖެހިފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރޯދަ މަހު ރާއްޖޭގެ ބާޒާރުގައި އާންމުކޮށް އަގުބޮޑުވާ ބާވަތްތައް ރާއްޖެއަށް ގެނެސް އަގު ކޮންޓްރޯލް ކުރުމުގައި އެސްޓީއޯއިން ދަނީ މުހިއްމު ދައުރެއް އަދާކުރަމުންނެވެ.
ކޮމެންޓު ފޮނުވާ