ވަގުތު ނެތްކަމަށާއި، ސަރުކާރުން އަޅަން ހުށަހަޅާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރަން ޖެހޭކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައި އައިއެމްއެފްގެ ވަފުދުން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ ފަތުރުވެރިކަން އަހަރުން އަހަރަށް ކުރިއަރަމުންދާކަން ފާހަގަކޮށްފައިވެއެވެ. ޚާއްސަކޮށް ފާއިތުވި އަހަރު ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމާއެކު، މުޅި އިގުތިސާދަށްވެސް އޭގެ ހެޔޮ އަސަރުކޮށް، ރަނގަޅު ދުވެއްޔެއްގައި ކުރިއަރަމުންދާކަން ފާހަގަކުރިއެވެ. އަދި މިއަހަރުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވައި، ބޭނުންކުރަން ފެށިއްޖެނަމަ އޭގެ ފައިދާ އިގުތިސާދަށް ކުރާނެކަމަށް ބުނެފައިވެއެވެ.
ނަމަވެސް، އިގުތިސާދު ކުރިއަރަމުންދިޔަ ނަމަވެސް، މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރުވެސް މާބޮޑަށް ލަސްވެއްޖެކަމަށް އައިއެމްއެފްގެ ވަފުދުން ފާހަގަކޮށްފައިވެއެވެ. އަދި މި ފިޔަވަޅުތައް އެޅުމަށް މިހާރުވެސް ވަގުތު ކުޑަވެފައިވާއިރު، އިތުރަށް ލަސްވާނަމަ، ދަރަނީގެ އިތުރުން ޑެފިސިޓްވެސް އިތުރަށް ބޮޑުވެގެންދާނެކަން އެ ވަފުދުން ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުން މިހާރު ވަނީ ބޮޑެތި އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް މަޑުޖައްސާލާފައިކަމަށާއި، އެއީ ރަނގަޅު ނިންމުމެއްކަމުގައި އައިއެމްއެފްގެ ވަފުދުން ފާހަގަކުރިއެވެ.
އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިން 50 އިންސައްތަ އުނިކުރުމާއި، ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުން ހިމެނެއެވެ. އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ ގިނަވެގެން ދެވޭނީ 90,000 ރުފިޔާކަމަށް ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން ވެސް 10 އިންސައްތަ އުނިކުރުމަށް ވަނީ އެ ފަރާތްތަކުގައި އެދިފައެވެ. ނަމަވެސް މި ފިޔަވަޅުތަކުން 12,000 ރުފިޔާއަށްވުރަ ދަށުން މުސާރަ ލިބޭ މުވައްޒަފުން އިސްތިސްނާވާނެކަމަށް ރައީސް ވަނީ ނިންމަވާފައެވެ.