ގދ. ގައްދޫ

ގައްދޫގައި ބޮޑު އަގުގައި ޓިއުޝަން ދޭ މައްސަލައާއި ގުޅިގެން ކައުންސިލުން ފިޔަވަޅު އަޅައިފި

ގައްދޫގައި ބޮޑު އަގުގައި ޓިއުޝަން ދޭ މައްސަލައާއި ގުޅިގެން ކައުންސިލުން ފިޔަވަޅު އަޅައިފި

ގައްދޫ ކައުންސިލުން ރަށުގައި ބިދޭސީ މުދައްރިސުން ބޮޑެތި އަގުތަކުގައި ޓިއުޝަން ދޭ މައްސަލަ ބަލައި، އެކަމާމެދު ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދިނުމަށްފަހު އެ މައްސަލަ މިހާރުވަނީ ހައްލުވެފައެވެ. ކުރިން މި މައްސަލައާ ގުޅިގެން ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި ބިދޭސީ މުދައްރިސުން އާންމުންނަށް ނުކަތާވަރުގެ އަގުތަކެއްގައި ޓިއުޝަން ދޭކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދިޔައެވެ. އަދި މިއީ ޤާނޫނާއި ގަވާއިދުތަކާ ޚިލާފު ކަމަކަށްވުމާއެކު، ރަށުގެ ނިޒާމީ ތަޢުލީމުގެ ފެންވަރު ރަނގަޅު ގޮތެއްގައި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ހުރަސްއެޅޭނެ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން ވަނީ ގަވާއިދާ ޚިލާފަށް ޓިއުޝަން ދޭ މުދައްރިސުންނާ މެދު އިމިގްރޭޝަންގެ ޤާނޫނާއި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމަށް ކަމާ ގުޅޭ އިދާރާތަކަށް މައްސަލަ ފޮނުވާފައެވެ. ގައްދޫ ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު މި މައްސަލަ ހައްލުވެފައިވާ ކަމުގައެވެ. އަދި އެކަމާ ގުޅިގެން އިތުރު ޝަކުވާއެއް ކައުންސިލަށް ނުލިބޭކަން ވެސް ފާހަގަކުރެއްވިއެވެ.

ލިބިފައިވާ މަޢުލޫމާތުގެ ދަށުން، އެރަށުގައި އާންމުކޮށް ޓިއުޝަން ނަގައިދެނީ މާއްދާއަކަށް 300 ނުވަތަ 400 ރުފިޔާއަށެވެ. އަދި އެންމެ ބޮޑު އަގެއްގެ ގޮތުގައި މާއްދާއަކަށް 500 ރުފިޔާ ނެގި ނަމަވެސް، ބިދޭސީ ޓީޗަރުންނަށް ޑިމާންޑު ބޮޑުވުމާ ގުޅިގެން އެ ފަރާތްތަކުން މާއްދާއަކަށް 800 އާއި 1,000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ޓިއުޝަން ނަގަމުން ގެންދިޔައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *