ހުޅުމާލޭގައި ޖާހު ކުންފުނިން ތަރައްގީކުރަމުންދާ 'ދަ ގާޑަންސް' ފްލެޓްތަކުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އެންމެ ފަހުގެ ފުރުސަތެއް ދިނުމަށް އެޗްޑީސީން މިއަދު ނިންމައިފިއެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން ނުނިމި ދިގުލައިގެންގޮސްފައިވާ މަޝްރޫއެކެވެ.
އެޗްޑީސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ނިންމުމަށް އެކި ފަހަރު މަތިން ޖާހު ކުންފުންޏަށް އިތުރު މުއްދަތު ދީފައިވީ ނަމަވެސް، މިއަދާ ހަމައަށް ވެސް މަސައްކަތް ނުނިމި އޮތުމާ ގުޅިގެން، އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިހެއް ދިނުމަށް އެޗްޑީސީގެ ބޯޑުން ވަނީ ނިންމާފައެވެ. މި މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމިއްޖެނަމަ، އެއްބަސްވުން ބާތިލުކޮށް މަޝްރޫއު ޖާހު ކުންފުނީގެ އަތުން ނެގުމަށްވެސް ބޯޑުން ވަނީ ނިންމާފައެވެ.
އޮކްޓޯބަރު 2023 ގައި އެޗްޑީސީން ބުނެފައިވަނީ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ތިރީގެ ހުރިހާ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށާއި، ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް މަސައްކަތް ނުނިމި އޮތުމާ ގުޅިގެން، ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކަންބޮޑުވުން އިތުރުވަމުން އައިސްފައިވެއެވެ.
މި މައްސަލައިގައި ފްލެޓް ގަނެފައިވާ ފަރާތްތައް ތަމްސީލުކުރާ ޝުނާނާ އެންޑް ކޯ އިން ވަނީ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވާފައެވެ. އެޗްޑީސީން މިހާރު މި ފިޔަވަޅު އަޅަނީ ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަކަށް ފްލެޓް ހަވާލުކުރެވޭނެ މަގު ފަހިކުރުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.