ސަރުކާރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރިޔަސް، ވެރިކަމަށް އައުމަށް ވެފައިވާ ވައުދުތައް ނުފުއްދާނަމަ އަޑު އުފުލައި އެކަންކަން ތަންފީޒު ވަންދެން ސާބިތު ކަމާއިއެކު ދެމި ހުންނަވާނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ނިސްބަތްވާ ނައިފަރު ދާއިރާގެ އުފަން ރަށް ނައިފަރުގައި މިރޭ ބޭއްވި ފޯރި ގަދަ ޖަލްސާގައި ރަށު ބަންދުގައި މާލޭގެ ޕީޕީއެމް ޖަގަހާގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަކީ އެއީ ނުކޮށް ދޫކޮށްލައިގެން ތިބެވޭނެ ކަމަކަށް ވިޔަ ނުދެއްވާނެކަމަށެވެ.

ނައިފަރު ދާއިރާގެ ރައްޔިތުންގެ އަޑު އިއްވަން މަޖިލީހުގައި ހުރި މައިކުގެ އަޑު ކަޑުވާލަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނެކަމަށާއި، އަދި އެމައިކަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަޑު އިއްވާނެ މައިކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ނައިފަރު ދާއިރާގެ ރައްޔިތުންގެ އަޑު އިއްވުމަށް މަޖިލީހުގައި ހުރި މައިކުގެ އަޑު ކަޑުވައެއް ނުލެވޭނެ، އެއީ ނައިފަރު ރައްޔުތުންގެ އަޑު. އެއީ ނައިފަރުގެ ރައްޔިތުންނާއި، މުޅި ރާއްޖޭގެ ރައްޔިތުންގެ އަޑު އިއްވާނެ މައިކެއް. އެމައިކުގެ އަޑު ކަޑުވައެއް ނުލެވޭނެ.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ކުރާ ނޭއްގާނީ ކަންތައްތަކާއި، ވައްކަމާއި ފަސާދައިގެ ކަންކަމުގެ ވާހަކަ ދައްކައިގެން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދައި ޤައުމަށް ޚިޔާނާތްވެ، ރައްޔިތުންގެ ކަންކަމަށް އަރައިގަންނަ ނަމަ އެކަންކަމުގެ ވާހަކަ ނައިފަރު ދާއިރާގެ މައިކުން އަބަދުވެސް އިވޭނެކަމަށެވެ. އެކަންކަމާއިހެދި ތަރައްޤީ ނުގެނެސް ބަހަނާ ދައްކާނަމަ، ނައިފަރު ދާއިރާގެ އަޑު ސަރުކާރަށް ލޮލުފިޔަ ނުޖެހޭ ވަރަށް އިއްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުން ކުރާ ނޭދެވޭ ކަންމުގެ ވާހަކަ ދެއްކުމުން ނައިފަރު ދާއިރާއަށް ކަމެއް ނުވާނެއޭ އެބަބުނޭ. އަޅުގަނޑެއް ނުބަކަން އެވާހަކަ ދައްކައިގެން ލިބޭނެ އަދަބަކަށް. ވައުދު ނުފުއްދާނަމަ މިސަރުކާރަށް ލޮލުފިޔަ ނުޖެހޭ ވަރަށް އަޑު ގަދަ ކުރާނަން. ޖެހޭނީ ވައުދުތައް ފުއްދަން. ވައުދު ނުފުއްދާނަމަ އެވާހަކަ ދައްކާނަން. ނައިފަރު ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރަން ކުރަންޖެހުނު ކަންކަން ކުރާނަން. އެއަޑު އިއްވާނަން.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޤައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ޕީޕީއެމް ކޯލިޝަނަށް ކާމިޔާބް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ޚާއްސަކޮށް، ރާއްޖޭގެ މަސްވެރިންނަށް މިއަދު ދިމާވެފައިވާ އުދަގޫ ދަތި ހާލަތުން އަރައިގަތުމަށް މި އިންތިޙާބުގައި އިދިކޮޅު ކޯލިޝަނާއިއެކުގައި ތިއްބެވުމަށް ޝިޔާމް ވަނީ މަސްވެރިންނަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ