މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

މޫކޭ އާއި ޔާސިރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އާރުޑީސީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން މޫކޭ އާއި ޔާސިރު ފުރުން މަނާ ކުރުމުގެ އަމުރު ނެރެ، އެކަން އެ ބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުން ވަނީ ކޯޓު އަމުރުތަކެއް ހިފައިގެން ގޮސް މޫކޭގެ އެޕާޓްމަންޓަކާއި އޭނާގެ އަނބަކަނބަލުން އަދި ޔާސިރްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައެވެ. އަދި އެ ތަނުން ބައެއް އިލެކްޓްރޯނިކް އައިޓަމްތަކެއް ގެންގޮސްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

ނަމަވެސް އަތުލައިގަނެވުނު ތަކެތީގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ތަހުގީގުން ހާމަވެފައިވާ ގޮތުގައި އާރުޑީސީން ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިންނާއި އެ ފަރާތްތަކާ ގުޅުންހުރި ކުންފުނިތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވެއެވެ. މީގެ ތެރޭގައި އެއް ފަރާތެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ އަދި އިތުރު ދެ ފަރާތެއްގެ އެކައުންޓަށް 4 މިލިއަން ރުފިޔާ ޖަމާކުރެވިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ތަހުގީގުން ދައްކާގޮތުގައި މި މައްސަލައިގައި ހިމެނޭ އެއް ފަރާތެއްގެ އެކައުންޓަށް އާރުޑީސީން 216 ޓްރާންސެކްޝަން ހަދާފައިވެއެވެ. މި ޓްރާންސެކްޝަންތަކުގެ ތެރޭގައި އެތައް ބައެއްގެ އެކައުންޓުތަކާ ގުޅުންހުރި އިތުރު ގިނަ ޓްރާންސެކްޝަންތަކެއް ހިމެނޭކަމަށާއި، މި އެކައުންޓުތަކުގެ މަޢުލޫމާތު ވަކިވަކިން ހޯދަންޖެހޭކަމަށް ފުލުހުން ބުނެފައިވެއެވެ. ތަހުގީގުން އިތުރަށް ހާމަވެފައިވަނީ ޚިޔާނާތުގެ ފައިސާ ނިމިދިޔަ ސަރުކާރުގެ ބައެއް ވެރިންނާއި އެ ފަރާތްތަކާ ގުޅުންހުރި ކުންފުނިތަކަށް ލިބިފައިވާކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *