މަޓީގެ އެދުމަށް ބޭރު ފައިސާއާ ބެހޭ ބިލާ ގުޅޭ ބައްދަލުވުން މާލިއްޔަތު ކޮމެޓީން ސިއްރު ކޮށްފި

މަޓީގެ އެދުމަށް ބޭރު ފައިސާއާ ބެހޭ ބިލާ ގުޅޭ ބައްދަލުވުން މާލިއްޔަތު ކޮމެޓީން ސިއްރު ކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ފަރާތުގެ އެދުމަށް، ބޭރު ފައިސާއާ ބެހޭ ބިލާ ގުޅޭ ބައްދަލުވުން މާލިއްޔަތު ކޮމެޓީން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ކޮމެޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވި ގޮތުގައި، މި ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

ބިލުގެ މަސައްކަތް މިއަދު ހަވީރު 6 ޖަހަންދެން ކުރިއަށް ގެންގޮސް ނިންމުމަށް ކޮމެޓީން ވަނީ ނިންމާފައެވެ. މި ބިލަކީ އޮކްޓޯބަރު މަހުން ފެށިގެން ޢަމަލުކުރަން ފެށި ބޭރު ފައިސާއިން މުޢާމަލާތްކުރުމުގެ އާ ގަވާއިދަށް ޤާނޫނީ ބާރު ދިނުމަށް އެކުލަވާލެވިފައިވާ ބިލެކެވެ.

ބިލުގައި މުހިއްމު ބަދަލުތަކެއް ވަނީ ގެނެވިފައެވެ. އެގޮތުން، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރު މާރުކުރަން ނިންމާފައިވާ ނިންމުން ބަދަލުކޮށް، 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ރިސޯޓުތަކަށް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، 10 އަހަރުން ދަށުގެ ކުދިންނާއި، ރިސޯޓުތަކުގައި ހިލޭ ތިބޭ ފަރާތްތަކާއި، ސަރުކާރުން ޚާއްޞަ އިމްތިޔާޒު ދީފައިވާ މެހެމާނުން މި ޤާނޫނުން އިސްތިސްނާވާނެއެވެ.

ޓޫރިޒަމް ވިޔަފާރިތަކުގެ އިތުރުން، އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރަށްވުރެ މަތިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 20 އިންސައްތަ މާރުކުރުން މަޖުބޫރުވާނެއެވެ. އަދި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންދާނެއެވެ. މިގޮތުން، ޖޫރިމަނާކުރުމާއި، ވިޔަފާރި ހުއްދަތައް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ ބާރު ލިބިގެންދާނެއެވެ.

މި ބިލަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން، މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން، މި ބިލު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *