ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބޭނެ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރަނީ

ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ލިބޭނެ ދުވަސް ވަރަށް އަވަހަށް އިއުލާން ކުރަނީ

ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބެން ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ތައިލެންޑާއި ޔޫއޭއީ އިން އާސަންދަ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ފަހުގައެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އާސްނަދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ މަދު ގައުމަކުން ކަމަށާއި އެކަން ބަދަލުކޮށް މި ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން މިވަގުތު ފޮނުވަމުންދަނީ ހަމައެކަނި އިންޑިއާ އަދި ސްރީ ލަންކާއަށެވެ.

"އާސަންދައަކީ ހަމައެކަނި ވަކި ދިމާލަކުން އޮންނަ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާ ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ ރައީސްގެ ވައުދާ އެއްގޮތަށް ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

"ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭނަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އެ ވައުދު ފުއްދަވާނެ،" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ އެކަމާ ގުޅޭ މަސައްކަތް ކުރިއަށް ގެންގޮސް ދެ ގައުމުގެ ހޮސްޕިޓަލްތަކާ އެކު މަޝްވަރާކޮށް، ކުރިއަށް ދެވޭނެ ގޮތެއް ހޯދާފައިވާ ކަމަށެވެ. އެއާ ގުޅޭ އިތުރު ތަފުސީލާއި ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *