އާސަންދައިން ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލަ ފުލުހަށް ހުށަހަޅަން ފާސްކޮށްފި

އާސަންދައިން ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަކަށް 44 މިލިއަން ރުފިޔާ ދިން މައްސަލަ ފުލުހަށް ހުށަހަޅަން ފާސްކޮށްފި

Author
ހުސައިން
29 އޮކްޓޯބަރ 2024 02:35
0

އާސަންދައިން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ދޫކުރި 44 މިލިއަން ރުފިޔާގެ މައްސަލަ ތަހުގީގުކުރުމަށް މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އޭނާގެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ތާއީދުކުރެއްވިއެވެ. ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ އަޣުލަބިއްޔަތުން މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ފާސްކުރިއެވެ.

އާސަންދައިގެ އާ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް 147 މިލިއަން ރުފިޔާއަށް ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލުކުރެވުނެވެ. ނަމަވެސް 2023 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން އެޑްވާންސްގެ ގޮތުގައި ދޫކުރެވުނު 44 މިލިއަން ރުފިޔާ ދޫކުރިފަހުންވެސް، މިހާތަނަށް އެއްވެސް މަސައްކަތެއް ފަށާފައެއް ނުވެއެވެ.

މީގެ އިތުރުން، 2016 ވަނަ އަހަރު އާސަންދައިގެ ހޮސްޕިޓަލެއް އެޅުމަށް 61 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ މަސައްކަތް ހަވާލުކުރެވުނެވެ. ނަމަވެސް އާސަންދައަށް ކުރިމަތިވި މާލީ ދަތިތަކާ ހެދި އެ މަސައްކަތް މަޑުޖައްސާލަން ޖެހުނެވެ. އޭގެފަހުން، ނިމިދިޔަ ސަރުކާރުގައި ބަދަލު ދިނުމަށް އެކުލަވާލި ކޮމިޓީއަށް މައްސަލަ ހުށަހެޅުމުން، ރައީސް އޮފީހުން ވަނީ އާސަންދައިގެ އާ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް އަލުން އެ ކުންފުންޏާ ހަވާލުކުރަން ނިންމާފައެވެ.

ނޯތު ކޯސްޓް ކޮންސްޓްރަކްޝަންގެ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދެވެ. އޭނާ ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީއާ ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.