އިންތިގާލީ އިންސާފް ތަންފީޒް ކުރެވިއްޖެނަމަ ރައީސް ނަޝީދު 1000 އަހަރު ޖަލުގައި އޮންނަވާނެ: ޑރ. ޖަމީލް

އިންތިގާލީ އިންސާފް ތަންފީޒް ކުރެވިއްޖެނަމަ ރައީސް ނަޝީދު 1000 އަހަރު ޖަލުގައި އޮންނަވާނެ: ޑރ. ޖަމީލް

Author
ޢަލީ އާދަމް
26 ޑިސެމްބަރ 2020 11:30
0

އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ރާއްޖޭގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ގާނޫނެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވިސްނާގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލް މި ސަރުކާރުން ވަކި ބަޔަކަށް އަމާޒުކުރި ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި އެ ބިލް ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށެވެ. އެގޮތުން އެ ގާނޫނުގެ ދަށުން 3 ނޮވެންބަރު 1988 ގައި ޝަހީދުވި ބަތަލުންގެ އާއިލާތަކަށް ވެސް އިންސާފް ހޯދައި ދެވޭނެ ކަމަށް ޖަމީލް ވިދާޅުވީ އެވެ.

ކުރިން ވިދާޅުވީ ދިގުމުއްދަތަކަށް ނަޝީދު ޖަލަށްލެވޭނެ ވާހަކަ ނަމަވެސް މިރޭ ވިދާޅުވެވެން އޮތީ އިންތިގާލީ އިންސާފުގެ ބިލު ރަނގަޅަށް ތަންފީޒުވެއްޖެނަމަ ނަޝީދު 1000 އަހަރު ޖަލުގައި އޮންނަން ޖެހިވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑު ބުނަމުން އައީ ދިގު މުއްދަތަކަށޭ ޖަލަށް ދާނީ. އަޅުގަނޑު މިރޭ ހިތާމައާއެކު ދަންނަވާލަން ބޭނުންވޭ އިންތިގާލީ އިންސާފުގެ ބިލް ރަނގަޅަށް ތަންފީޒުވެގެން ހިނގައްޖެނަމަ ރައީސް ނަޝީދު، އެއްވެސް ޝައްކެއް ނެތް ގޮތުގައި 1000 އަހަރު ޖަލުގައި އޮންނާނެ،" – ޑރ. ޖަމީލް

އިންތިގާލީ އިންސާފުގެ ގާނޫނެއްގެ ދަށުން ބަލައި އިންސާފް ގާއިމް ކުރަން ޖެހޭނެ ގިނަ ކަންތައްތަކެއްގެ ލިސްޓެއް ޑރ. ޖަމީލް ވަނީ މިރޭގެ ޖަލްސާފައި ވިދާޅުވެފައެވެ. އޭގެތެރޭގައި ގާޒީއަކު ހައްޔަރު ކުރުމާއި، ކޯޓުގައި ތަޅުއެޅުވުމާއި، ރައިސް ޔާމީނާއި ގާސިމް އިބްރާހިމް ހައްޔަރު ކުރުމުގެ މައްސަލަވެސް ހިމެނޭކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ވެރިކަމަށް އައުމަށްވެސް އަދި އޭގެ ފަހުން ވެސް ކޮންމެ އިންތިހާބަކަށް އެމްޑީޕީއާއި ސަރުކާރުން ދައްކަނީ ބާރު ނެތް ވާހަކަ ކަމަށެވެ. ނަމަވެސް މިއަދު ބާރުތައް ލިބުމުން އިންސާފުގެ ދޮރު ކިލަނބުވެ، ވިޔަފާރިތައް ބަނގުރޫޓްވެ، ރައްޔިތުން ނިކަމެތިވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.