ދިވެހިރާއްޖޭގެ އާބާދީގެ ފާހަގަކުރެވޭ ބައެއް ކަމުގައިވާ އުމުރުން ދުވަސްވީ މީހުންގެ އަދަދު 20،553 އަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ ޖުމްލަ އާބާދީގެ 5 އިންސައްތައެވެ.
މި އަހަރުގެ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ޢާންމުކުރި 2022 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އިސްރަށްވެހިންގެ ތެރެއިން އެންމެ ގިނައީ 65 އަހަރާއި 74 އަހަރާ ދެމެދުގެ މީހުންނެވެ. މިއީ އިސްރަށްވެހިންގެ 63 އިންސައްތައެވެ. 85 އަހަރުން މަތީގެ މީހުން އިސްރަށްވެހިންގެ ތެރޭގައި ހިމެނެނީ 9 އިންސައްތައެވެ.
އުމުރުފުރާތަކަށް ބަލާއިރު، 65-74 އަހަރާ ދެމެދުގެ މީހުންގެ ޖުމްލަ އަދަދަކީ 13،003 އެވެ. މީގެ ތެރެއިން 6،668 އަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 6،335 އެވެ. 75-84 އަހަރާ ދެމެދުގެ މީހުންގެ ޖުމްލަ އަދަދު 5،774 އަށް އަރާއިރު، އޭގެ ތެރެއިން 2،839 އަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 2،935 އެވެ. 85 އަހަރުން މަތީގެ މީހުންގެ އަދަދު 1،776 އަށް އަރައެވެ. މީގެ ތެރެއިން 1،023 އަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 753 އެވެ.
އިސްރަށްވެހިންގެ ތެރެއިން 36 އިންސައްތަ، ނުވަތަ 7،402 މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އަދި އެންމެ ގިނަ އިސްރަށްވެހިން ދިރިއުޅެނީ މާލޭގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އަދަދަކީ 6،699 އެވެ.
ކައިވެނީގެ ނިސްބަތަށް ބަލާއިރު، އިސްރަށްވެހިންގެ ތެރެއިން 60 އިންސައްތަ މީހުން ކައިވެނިކޮށްގެން އުޅޭއިރު، 29 އިންސައްތަ މީހުންނަކީ އިނދެ ވަރިވެފައި ތިބި މީހުންނެވެ. ތަޢުލީމީ ފެންވަރަށް ބަލާއިރު، އިސްރަށްވެހިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ޕްރައިމަރީ ފެންވަރުގެ ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނެވެ. ނަމަވެސް، ކޮންމެ 5 މީހަކުން އެކަކު ދުވަހަކުވެސް ސްކޫލަށް ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ.
މަސައްކަތުގެ ދާއިރާއަށް ބަލާއިރު، އިސްރަށްވެހިންގެ 67 އިންސައްތަ މީހުންނަކީ އުފެއްދުންތެރިކަމުގެ މަސައްކަތްތަކާއި، ދަނޑުވެރިކަމާއި، ފޮރެސްޓްރީ އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުންނެވެ. އިސްރަށްވެހިންގެ ތެރެއިން ވަޒީފާގައި އުޅޭ މީހުންގެ އިންސައްތައަކީ 16 އެވެ. އަދި ވަޒީފާ ނެތް މީހުންގެ އިންސައްތައަކީ 6 އެވެ.
ކޮމެންޓު ފޮނުވާ