ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ދެ ބޯޓު މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެފައިވަނީ، ބަންކަރިންގެ ޚިދުމަތް ފެށުމަށް ރާއްޖެ ގެންނަ ދެ ބޯޓު މިހާރު އޮތީ ރާއްޖެ އައުމުގެ މަގުމަތީގައި ކަމަށެވެ. މި ދެ ބޯޓަށް މިމަހުގެ 8 ވަނަ ދުވަހު މާލެ އާދެވޭނެ ކަމަށާއި، މިމަހުގެ 11 ނުވަތަ 12 ވަނަ ދުވަހު ބޯޓުތައް ރާއްޖޭގެ އުތުރަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށަނީ އިހަވަންދިއްޕޮޅުގައެވެ.
ޝިމާދު އިތުރަށް ވިދާޅުވެފައިވަނީ، ކޮންމެ ބޯޓެއްގައި ގާތްގަނޑަކަށް 4000 ޓަނުގެ ފިއުލް ހުންނާނެ ކަމަށެވެ. މި ބޯޓުތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިއުލް ޑިސްޓްރިބިއުޓްކުރުމަށް ވެސް ބޭނުންކުރެވޭނެ މުހިންމު ބޯޓުތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަންކަރިންގެ ޚިދުމަތާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް މީގެކުރިން އިބްރާހީމް ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށެވެ. އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ އިމާރާތެއް ހއ. އުލިގަމުގައި ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށާއި، އެތަނުގައި އެސްޓީއޯ، ކަސްޓަމްސް، އަދި އެމްޕީއެލް ފަދަ ސަރުކާރުގެ މުއައްސަސާތައް ޤާއިމްވެ ތިބޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ ޢިމާރާތް ހުޅުވޭނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު ބޯޓުތައް އާންމުކޮށް ދަތުރުކުރާ ހިސާބަކަށް ވުމާއެކު، ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިއްޖެނަމަ މިއީ އިޤްތިސާދީގޮތުން ރާއްޖެއަށް އެތައް ކުރިއެރުމެއް ލިބޭނެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ރާއްޖޭގެ ޖީޑީޕީއަކީ މިހާރު 6.5 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، ބަންކަރިންގެ ޚިދުމަތް ފެށުމުން އޭގެ ތެރެއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މިއާއެކު 6 ބިލިއަން ދިވެހި ރުފިޔާގެ މުޅިން އައު ސިނާއަތެއް އުފެދޭނެ ކަމަށް ބެލެވެއެވެ.