ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން 2018 ނޮވެންބަރު 17 އާ ހަމައަށް ހިނގާފައިވާ ލާއިންސާނީ އަމަލުތައް ބެލުމަށް ތަސްދީޤު ކުރައްވާފައިވާ އިންތިޤާލީ އިންސާފުގެ ބިލު އެންމެ ފުރަތަމަ އަރާ ހަމަކުރަނީ މިއަދުގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންނަށް ކަމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިންތިޤާލީ އިންސާފު ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ބިލާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މާޒީގެ ދިގު ތާރީހުގައި، ފަހަށް އެނބުރި ބަލައިލި ކައިރި މާޒީގައިވެސް އެމްޑީޕީން ތަސައްވަރުކުރާ ލާއިންސަނިއްޔަތާއި، އިންސާފުން ބޭރުން އަމަލުކޮށްފައިވާ ހުރިހާ ވެރިންނާއި، ލީޑަރުން ތިބީ ވެރިކަމުގެ ތެރޭގައިކަމަށެވެ. ދިގު 30 އަހަރުގެ ވެރިކަމުގައި އެތައް ބަޔަކަށް ލިބިގެންދިޔަ ކަމަށް އެމްޑީޕީން ބުނާ ނުހައްގު އަނިޔާއާއި، ހިންގަމުންދިޔަ ހުދުމުހުތާރު ވެރިކަމުގެ ވެރިޔާވެސް ހުންނެވީ ވެރިކަމުގެ ކޯލިޝަންގެ ތެތޭގައިކަމަށެވެ.
އެމްޑީޕީ އުފެދުނު ފަހުން އައި އެންމެ ހިތްދަތި ދުވަސް، 2012 ވަނަ އަހަރުގެ އެމްޑީޕީގެ ވެރިކަން ވައްޓާލުމުގައި އަމަލީގޮތުން އެންމެ އިސްސަފުގައި ހަރަކާތްތެރިވި ޝައިޚް އިމްރާނާއި، ޤާސިމް އިބްރާހިމްވެސް މިއަދު ހުންނީ ކޯލިޝަން ތެރޭގައިކަމަށް ސައީދު ވިދާޅުވިއެވެ. އެމްޑީޕީން ވިދާޅުވާ މާޒީން ގެއްލިފައިވާ އިންސާފު ހޯދާނަމަ އެންމެ ފުރަތަމަ ފަށަން ޖެހެނީ ކޯލިޝަން ލީޑަރުންނާއި ހަމައިން ކަމަށާއި، މިމައްސަލަތައް ބަލައި ނިމޭއިރު ވެރިކަމެއް ނޯންނާނެކަމަށް ސައީދު ވިދާޅުވިއެވެ.
އެމްޑީޕީއަކަށް މިއަދު ނެތް ހިރިލެވޭކަށްވެސް. ހަދާ ޤާނޫނު ތަންފީޒު ކުރަން ދިމާކުރާއިރު، އެކަންކަން އަރާ ހަމަކުރަނީ، ވެރިކަމަށް އެކުލަވާލި ކޯލިޝަނާއި، އިންތިޤާލީ އިންސާފުގެ މައްސަލަތައް ފަށަން މިޖެހެނީ ކޯލިޝަން ތެރެއިން. ކުޑަސިޓީ ހިފައިން ދަތުރުކުރަން ޖެހުނު މައްސަލައާއި، ކުޑަކާފާއި ބޮޑު ކާފު ޖަހައިގެން ވެރިކަން ކުރެއްވި ބޭފުޅުންނާއި، ޖަލުގައި އެތައް ބަޔަކަށް ލާއިންސާނީ އަނިޔާ ދެއްވިކަމަށް ވިދާޅުވާ ބޭފުޅުންނާއި، ބަޤާވާތް ކުރެއްވި ބޭފުޅުންވެސް ތިބީ މިބޭފުޅުންގެ ތެރޭގައި ނޫންތޯ. ހަމަ ރަނގަޅަށްވެސް އެމްޑީޕީ މިއޮތީ ސައިވެފަ.
– ސައީދު ވިދާޅުވިއެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބެލޭގޮތަށް އެކުލަވާލާފައިވާ ޤާނޫނެކެވެ. އަދި މިއީ އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.
މިޤާނޫނާއި ގުޅޭގޮތުން މަޖިލިސް ރައީސް ވިދާޅުވީ މިއީ މާޒީގައި އެމީހަކަށް ހެދިފައިވާ ގޯސްތަކާއި، ދެވިފައިވާ އަނިޔާއަށް މަޢާފަށް އެދި، ނުހައްގުން އަނިޔާ ލިބުނު އެންމެނަށް އިންސާފު ލިބޭނެ ގޮތަކަށް ހަދާފައިވާ ޤާނޫނެއް ކަމަށެވެ. މިޤާނޫނުގެ ދަށުން ނުހައްގުން އަނިޔާ ލިބުނު މީހާގެ ކިބައިން އަނިޔާ ދިން ފަރާތުން މަޢާފަށް ނޭދިއްޖެނަމަ ދައުވާ ކުރެވޭނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ