ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ބޮޑުވެގެން އެކަން ނުކުރަން އެ ރަށު ކައުންސިލުން މިއަދު އަންގައިފިއެވެ.
ގައްދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ރަށުގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާކަން ކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ. ރަށުގެ ބޭރު މަގާއި އެކިއެކި ދިމާލުން މަރުވެފައިވާ ބުޅަލާއި ކާޅުތައް މިދިޔަ ހަފުތާގައި ފެނިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ބޮޑުވެ، އާންމުންނަށް އޭގެ އުނދަގޫތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. ކައުންސިލުން ވަނީ މިއީ ވިއްސާރަ ވެސް ދުވަސްވަރަކަށް ވާތީ، އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އޮތުމުން އެކަން އެގޮތަށް ނުކުރަން އާންމުންނަށް އިލްތިމާސްކޮށްފައެވެ. "ވީމާ، އާންމު ފަރުދެއްގެ ހައިސިއްޔަތުން މިފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކުރަމެވެ،" ކައުންސިލުން ބުނެފައިވެއެވެ.
ބުޅާ މަރާތީ ގައްދޫ ކައުންސިލުން އިއުލާނެއް މި ނެރުނީ، މާލޭގައި ބުޅާތައް މަރައިގެން އޭގެ އިން ބިދޭސީއަކު ކާތަކެތި ތައްޔާރުކުރާ ކަމުގެ މައްސަލައެއް ފެންމަތިވެފައި އޮއްވައެވެ. މުޑުދާރުކޮށް އެކި ވައްތަރުގެ ކާތަކެތި ތައްޔާރުކޮށް ވިއްކައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު އެ މީހާ ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ