އެސްޓީއޯއިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އަޅަނީ

އެސްޓީއޯއިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އަޅަނީ

Author
ޙަސަން މުޙައްމަދު
06 އޮގަސްޓް 2024 05:34
0

އެސްޓީއޯއިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް އެޅުމަށް ނިންމައި، މި މަޝްރޫޢުއަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިއަދު ގެޒެޓްކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިމާރާތް ޢިމާރާތްކުރެވޭނީ މާލޭގައި ހުންނަ އެސްޓީއޯގެ ހެޑް އޮފީހާ އިންވެގެންވާ ބިމެއްގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން، އެސްޓީއޯގެ 15% އިކުއިޓީ ހިމެނޭ ގޮތަށެވެ.

މި މަޝްރޫޢުގައި އިންޖިނިއަރިންގ، ޕްރޮކިއުމަންޓް އަދި ކޮންސްޓްރަކްޝަން (އީޕީސީ) ހިމެނޭނެއެވެ. ޝައުޤުވެރިކަން ފާޅުކުރެވޭނީ 18 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަގެއްގެ މަދުވެގެން އެއް މަޝްރޫޢު ހިންގާފައިވާ ކުންފުނިތަކަށެވެ. އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި މިފަދަ ބޮޑު މަޝްރޫޢެއްގެ ޕްރައިމަރީ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ޝައުޤުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ މި މަހުގެ 13 ވަނަ ދުވަހެވެ.

އެސްޓީއޯގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި 25 ބުރީގެ ކޮމާޝަލް އިމާރާތް އެޅުމުގެ މަޤްޞަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް، ވިޔަފާރި ފުޅާކުރުމެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ 15,000 އަކަފޫޓުގެ ބިމެއްގައެވެ.

މި އިމާރާތުގައި ހުންނާނެ ވަސީލަތްތަކުގެ ތެރޭގައި ރިސެޕްޝަން، އޮފީސް ޖާގަ، ތަމްރީނު މަރުކަޒު، ފާޚާނާ، ޕޭންޓްރީ، މަލްޓިޕާޕަސް ހޯލު، ކެފެޓީރިއާ، ޕާކިންގ، މުނިފޫހިފިލުވުމުގެ ސަރަޙައްދު އަދި ދުޅަހެޔޮ ޞިއްޙަތަށް ޚާއްޞަ މަރުކަޒެއް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.