ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަމާލުވުމަށް އިލްތިމާސް ކޮށްފި

Author
ޙަސަން މުޙައްމަދު
04 އޮގަސްޓް 2024 01:33
0

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ، ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމުގައެވެ. އެގޮތުން، މިވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކަށް، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލު ބަލަމުންކަމުގައިވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

މިދަރިވަރުންނާއެކު، ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ، މިވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މިމިނިސްޓްރީއިން އިލްތިމާސް ކުރާ ކަމުގައެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ (ނަމްބަރު: 1708 120 318 880+ / 1329 748 885 880+) ގުޅުމަށް ނުވަތަ އީމެއިލް  [email protected] ކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ.

އަދި އޭގެއިތުރުން، މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރ ކަމުގައިވާ 7983400 އަށް ގުޅޭނެ ކަމުގައިވެސް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.