ހަމާސްގެ ލީޑަރ އިސްމާއީލު ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރުން އިޚްތިޔާރުކަމެއްގެ ގޮތުގައި ދޫކޮށްލުމުން އެކަމުގެ ސަބަބުން އަމާޒުވި ފާޑުކިޔުންތަކަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ރައްދުދެއްވައިފިއެވެ.
ހަނިއްޔާގެ މައްޗަށް މިއަދު ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކުރަން އިސްލާމިކް މިނިސްޓްރީން ނިންމިނަމަވެސް އެކަން ވަނީ އިމާމުންގެ މައްޗަށް އިޚުތިޔާރީކަމެއްގެ ގޮތުގައި ދޫކޮށްލާފައެވެ.
އެކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިއްޔާގެ މައްޗަށް ކަށު ނަމާދުކޮށްދިނުމަށް އެދި ބުދަ ދުވަހު އަދާލަތު ޕާޓީން ސަރުކާރަށް ސިޓީއެއް ފޮނުވިކަމަށެވެ. ނަމަވެސް އެސިޓީ އަށް ޖަވާބު ނުދީ މިއަދު ހެނދުނު އިމާމުން ތިބި ވައިބާ ގްރޫޕެއްގައި "ކަށުނަމާދު ކުރަން ބޭނުން އިމާމަކަށް ކަށުނަމާދު ކުރުމުގެ ފުރުސަތު އޮތްކަން’ ދަންނަވާލުމަކީ އެއް ގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން،" އެގޮތަށް މެސެޖްކޮށްފައިވާކަމަށާއި ކުރީގެ އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
އެކަމާއި ގުޅޭގޮތުން އޮންލައިން ނޫހަކުން ލިޔެފައިވާ އާރޓިކަލަކަށް ރައްދުދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އެމިނިސްޓްރީން ކަންކަންކުރަނީ އަދާލަތު ޕާޓީން އަންގާ ގޮތަކަށް ނޫންކަމަށެވެ. މިނިސްޓްރީން ކަންކަން ނިންމަނީ އިލްމުވެރިންގެ ފުރިހަމަ މަޝްވަރާ އާ އެކުގައި ޤުރުއާނާ ސުންނަތާ އެއްގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ދިފާއުގައި އަބަދުވެސް ތިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެފަހުން އަނެއްކާ މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ " ޣައިބަށް ކަށުނަމާދުކުރުމަކީ ވާޖިބެއްތޯ؟ އެހެންވިއްޔާ ކަމުގެ ދަލީލު ދައްކަވާ ދެއްވާ. ދީނީ ކަމެއް ތިގޮތަށް ސިޔާސީ ކޮށްލުމަކީ ވަރަށް ބޮޑު ނުބަޔެއް. ސަރުކާރާމެދު ނަފްރަތު އުފައްދަން ތިކުރާ މަސައްކަތް ހުއްޓާލަންޖެހޭ." އެވެ.
މިމައްސަލައިގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ މުހައްމަދު އިޔާޒުވެސް ސަރުކާރުން ކަންކުރި ގޮތަށް ފާޑުވިދާޅުވިއެވެ. އެކަމަށް ރައްދުދެއްވަމުންވެސް މިނިސްޓަރ ޝަހީމް ވަނީ ޣައިބަށް ކަށުނަމާދުކުރުމަކީ ވާޖިބެއްކަމަށް ބުނާ ދަލީލު ދެއްކުމަށް އެދިވަޑައިގަންނަވާފައެވެ.
ހަނިއްޔާ އަވަހާރަކޮށްލި މައްސަލައިގައި ސަރުކާރުން އެކަން ކުށްވެރިކޮށް މާފަހުން ބަޔާން ނެރުމުން އެކަމުގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.