ހުޅުމާލޭގެ ވިނަރެސް ސަރަހައްދުގައިވާ ވަގުތީ ސައިޓެއްގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރު ކުރަމުންދާ ކަމުގެ ޝަކުވާ އެޗްޑީސީއަށް ލިބުމާ ގުޅިގެން އެ މައްސަލަ ބަލައި އެކަން ހުއްޓުވާފައިވާކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެތަން ހިންގަމުން އައި ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން އެތަނުގައި ކުރަމުންއައި މަސައްކަތް ހުއްޓުވާ އަދި އެތަން ސާފުކޮށްފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
މިމައްސަލައާއި ގުޅޭގޮތުން އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބައެއް ބިދޭސީން ހައްޔަރު ކޮށްފައިވާކަމުގައެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ވިނަރެސް ފްލެޓް ފަހަތުގައިވާ އެކޮމޮޑޭޝަން ބްލޮކެެއްގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދާކަމަށް ބުނާ މައްސަލައާއި ގުޅިގެން އެ ތަނުގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭކަމަށް އެ އިދާރާއަށް ލިބިފައިވާ މައުލޫމާތާއި ގުޅިގެން، ޓާސްކު ފޯސްއިން އިއްޔެ ހަވީރު އެތަން ބަލާ ފާސްކޮށްފައިވާ ކަމުގައެވެ.
އަދި އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ސައްޙާ ވިސާއެއް ނެތް 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެނެވިފައިވާ ކަމުގައި އެ އިދާރާއިން ބުނެފައި ވެއެވެ.
އަދި އިމިގްރޭޝަނުން ބުނެފައިވަނީ އެތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިޖުތިމާއީ މިންގަނޑާއި މުޅިން ޚިލާފަށް ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި ކެއުމުގެ އިންޒާމު ހަމަޖައްސާފައިވާ ތަނަކަށް ވާތީ، އެކަން މިހާރު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމުގައެވެ.