ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގައި ހުއްދަ ނުނަގާ އިމާރާތްކުރުމުގެ މަސައްކަތްތައް ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރާއިރު، އެ ކޯޕަރޭޝަނުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ބެލުމެއްނެތި ގޯތިތެރޭގެ މަސައްކަތް ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމުގައެވެ. އެކަން އެގޮތަށް ނުކުރުމަށް މީގެ ކުރިންވެސް އިލްތިމާސްކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް އެ ކޯޕަރޭޝަނުން ނަގަންޖެހޭ ހުއްދަ ނުނަގާ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކޮށް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާކަންވެސް އެޗްޑީސީން ފާހަގަ ކޮށްފައި ވެއެވެ.
އެޗްޑީސީން ބުނެފައިވަނީ، އެކަމަކީ ހުޅުމާލޭގައި އިމާރާތްކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެއްކަމުގައެވެ.
އެހެންކަމުން، ހުޅުމާލެއިން ދޫކޮށްފައިވާ ގޯއްޗެއްގައި އިމާރާތް ހަދަން ފެށުމުގެ ކުރިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނެގުމަށް އެ ކޯޕަރޭޝަންއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހުއްދަ ނުނަގާ ގަވާއިދާ ހިލާފަށް ބިންތައް ބޭނުންކުރަމުންދާ ފަރާތްތަކާމެދު، ކަމާގުޅުންހުރި ވުޒާރާތަކާ ގުޅިގެން އޮންނަ އުސޫލުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ