ރިސޯޓު ތަރައްގީ ކުރަން ނ.އަތޮޅުން އެސްޓީއޯއަށް ދޫކޮށްފައި އޮންނަ އެކުޅިވަރު ދޫކޮށްލުމަށްފަހު އޭގެ ބަދަލުގައި މާލެއިން ބޮޑު ބިމެއް ހޯދާފައިވާކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ބޭއްވި އެ ކުންފުނީގެ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ޝިމާދު ވިދާޅުވީ އެކުޅިވަރު ދޫކޮށްލީ މާލެއިން 12،000 އަކަފޫޓުގެ ބިމެއް ކުންފުންނަށް ލިބޭ ގޮތަށް ކަމަށެވެ. އެއީ މިހާރު މޯލްޑިވްސް ގޭސް ހުރި ބިމެވެ.
ޝިމާދު ވިދާޅުވެފައިވަނީ މި މުއާމަލާތުން އެސްޓީއޯއަށް ލިބޭ ފައިދާ ބޮޑުވާނެކަމުގައެވެ. އެގޮތުން، ގޮތުގައި އެކުޅިވަރު ވިއްކައިލުމުން ލިބޭނެ އަގަށްވުރެ މާލެއިން ލިބޭ ބިމުގެ އަގު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯއިންވަނީ 2019 ވަނަ އަހަރު އެކުޅިވަރު ވިއްކައިލުމަށް މަސައްކަތް ކޮށްފަަ އެވެ.
އެކުޅިވަރަކީ އެންމެ ފުރަތަމަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސަރުކާރުން ދޫކުރި ރަށެކެވެ. އެކުންފުނިން އެންމެ ފުރަތަމަ އެރަށް ސަބްލީޒް ކުރީ އެނާ ހޮޓެލް ހޯލްޑިންސް އަށެވެ.
އެހެންނަމަވެސް އެނާ ހޮޓެލް ހޯލްޑިންސް ސަބްލީޒްގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އަނބުރާ ނުދައްކައިގެން އެމްޓީޑީސީން އެރަށް ނެގިއެވެ.
އެއަށްފަހު އެމްޓީސީސީއަށް އެރަށް ދީފައިވަނީ ފުވައްމުލަކު އެއާޕޯޓު ހެދުމުގެ ބަދަލެއްގެ ގޮތުގައި 2017 ވަނަ އަަހަރުއެވެ.
އެކުޅިވަރަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނުގައި 40 މިނިޓުން ދެވޭ ދުރުމިނުގައި އޮންނަ ރަށެކެވެ. އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 10 މިނިޓުން އެރަށަށް ދެވެއެވެ.