ފުލުހުންގެ ފްރަންޓްލައިން ހިދުމަތް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތަކާމެދު މަޝްވަރާ ފަށައިފި

ފުލުހުންގެ ފްރަންޓްލައިން ހިދުމަތް ހަރުދަނާކޮށް ގެންނަންޖެހޭ ބަދަލުތަކާމެދު މަޝްވަރާ ފަށައިފި

Author
މުޙައްމަދު ޝަޒައިމް
23 ޑިސެމްބަރ 2020 03:10
0

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސީދާގޮތުން ރައްޔިތުންނަށްދެވޭ ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާއިމެދު މަޝްވަރާކުރުމަށް ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމްގެ ނަމުގައި ސިމްޕޯޒިއަމެއް ފަށައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި މި ސިމްޕޯޒިއަމް ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ފްރާންޓްލައިންގައި މަސައްކަތްކުރާ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި މި ސިމްޕޯޒިއަމްގައި ބައިވެރިވާ މުވައްޒަފުންގެ އިލްމީ އަދި މަސައްކަތުގެ ތަޖުރިބާތައް ހިއްސާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަތުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، ފްރަންޓްލައިންގެ ހިދުމަތްތައް މިހާރު ފޯރުކޮށްދެމުންދާ ގޮތްތަކާއި މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށްދެވޭ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް، ޕްލޭން އެކުލަވާލުމަށް އެދިވަޑައިގެންނެވިއެވެ.

ޑިސެމްބަރު މަހުގެ 22 ން 24 އަށް ކުރިއަށްދާ މި ސިމްޕޯޒިިއަމްއަކީ ފްރޮންޓްލައިން ޕޮލިސިންގ ގެދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަމަށް ހޯދޭނެ ހައްލުތަކާއިމެދު މަޝްވަރާކޮށް ތަންފީޒީ މަރުހަލާއަކަށް އެކަންތައްތައް ގެންދިއުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމްއެކެވެ. އަދި މިސިމްޕޯޒިއަމްގައި ފްރޮންޓްލައިން ޕޮލިސިންގ ހަރުދަނާކުރުމަށް ގެންނަނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، ފްރޮންޓްލައިން ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ރާސްތާގެ އަމަލީ އެޖެންޑާއެއް އެކުލަވާލާނެއެވެ. ހަމައެއާއެކު ފްރޮންޓްލައިން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވި، އާއްމުރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފްރޮންޓް ލައިން ފުލުހެއްގެ ޒިންމާއާއި ވާޖިބު އަދާ ކުރުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމުގައި އަދި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް އަދި ރަނގަޅު ކުރަން ކުރެވެންހުރި ކަންކަން ދެނެގަނެވިގެން ދާނެއެވެ.

މި ސިމްޕޯޒިއަމްގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަރވިސަސް އަދި ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވެއެވެ. މިބައިވެރިންގެ ތެރޭގައި ވާޗުއަލްކޮށް ބައިވެރިވާ މުވައްޒަފުންވެސް ހިމެނެއެވެ.

މީގެއިތުރުން މި ސިމްޕޯޒިއަމްގައި އޮބްޒާވަރުންގެ ގޮތުގައި ޕޮރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑާއި ލީގަލް ޑިޕާޓްމަންޓާއި ޓްރެއިން އެންޑް ޑިވެލޮޕްމެންޓާއި ހިއުމަން ރިސޯސް ޑިވެލޮޕްމެންޓާއި  އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސަރވިސަސް އާއި ލޮޖިސްޓިކް ސަރވިސް އަދިކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާރޒުން ބައިވެރިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.