ތަފާތު ބޮޑުކޮށް އާސެނަލް ބަލިކޮށް ސިޓީ ސެމީއަށް

ތަފާތު ބޮޑުކޮށް އާސެނަލް ބަލިކޮށް ސިޓީ ސެމީއަށް

Author
އިބްރާހީމް ސާޢިދު
23 ޑިސެމްބަރ 2020 10:47
0

އާސެނަލް ބަލިކޮށް އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް މެންޗަސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް ސިޓީން ނުކުތީ ކޮންމެވެސް ވަރަކަށް ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އާސެނަލްގެ މައްޗަށް ސިޓީން ކާމިޔާބު ހޯދީ 4-1ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 3 ވަނަ މިނެޓުގައި ސިޓީ ފޯވާޑް ގެބްރިއަލް ހެސޫސް ކާމިޔާބުކޮށްފައިވަނިކޮށް، އާސެނަލްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 31 ވަނަ މިނެޓުގައި، އެޓީމުގެ ލަކަޒޭޓްގެ ގޯލާއެކު ނަތީޖާ ހަމަހަމަކޮށްފައެވެ. ނަމަވެސް ދެވަނަ ހާފުގައި ސިޓީގެ ކުޅުން ވަރުގަދަކޮށް، އިތުރު 3 ލަނޑު ކާމިޔާބުކުރިއެވެ. ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، މަހްރޭޒް، ފޯޑެން އަދި ލަޕޯޓޭއެވެ.

މި ނަތީޖާއާ އެކު އާސެނަލްގެ ކޯޗުކަމާ ހަވާލުވެ ހުރި މިކޭލް އާޓެޓާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ކުރިން ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ހުރި އާޓެޓާ އާސެނަލްގެ މަގާމުން ވަކިކުރުމުގެ ވާހަކަތައް މީޑިއާގައި ދެކެވޭއިރު، ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އާޓެޓާ ވަކިކުރުމަކީ އާސެނަލުން ހަދާނެ ގޯހެއް ކަމަށެވެ.

މިމޮޅާއެކު އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލަށް މެންޗަސްޓަރ ސިޓީ ދަތުރުކޮށްފައިވާއިރު، ބްރެންޓްފޯޑްއާއި ނިއުކާސަލް ކުޅުނު ކުއާޓަރ ފައިނަލް މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބްރެންޓްފޯޑްއެވެ. މިއީ ބްރެންޓްފޯޑުގެ 131 އަހަރުގެ ތާރީހުގައި ބޮޑު މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.