ބަކާގެ ކަށުނަމާދު ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ބަދަލުކޮށްފި

ބަކާގެ ކަށުނަމާދު ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ބަދަލުކޮށްފި

Author
އަހުމަދު
26 ޖޫން 2024 12:03
0

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ގެ ކަށުނަމާދު މިރޭގެ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމައިފިއެވެ.

ބަކާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު މެނިންޖައިޓިސް ބަލީގައެވެ. އޭނާގެ ހާލު ދެރަވެ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފެށީ ރޭގައެވެ.

ބަކާ ނިޔާވުމާ ގުޅިގެން ފުރަތަމަ ކަށު ނަމާދު އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. އެކަމަކު، ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ. ބަކާ ވަޅުލުމަށް މިހާރު ހަމަޖެހިފައި ވަނީ ގަލޮޅު ސަހަރާގައެވެ.

އޭނާގެ މޫނު ދެއްކުންވެސް އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުމުރުން 38 އަހަރުގެ ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ބަކާގެ ހާލު ކުއްލިއަކަށް ސީރިއަސްވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ދެ ދުވަހެއް ވަރު ކުރިން މާލެ އައި ތަނުންނެވެ. ބަކާއަކީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ މީހެކެވެ.

ބަކާ ހާލު ގޯސްވީ ވަރަށް ބޮޑަށް ހުން އައިސް ވަރުދެރަވެގެންނެވެ.

ބަކާއަކީ ރާއްޖެ އާއި ސްރީލަންކާގައި 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ.

އައިލެންޑް އެފްސީން ފުޓްބޯޅަ ކެރިއަރު ފެށި ބަކާ ވަނީ ރާއްޖޭގެ މަޝްހޫރު ކުލަބުތައް ކަމުގައި މާޒިޔާ، ވެލެންސިއާ، ނިއުރޭޑިއަންޓް، ވިކްޓަރީ، ވީބީ އަށް ވެސް ކުޅެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.