ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތް ހާމަކޮށް ދިނުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މާލިއްޔަތު ކޮމިޓީ އަށް ވަޑައިގަތުމަށް ނިންމެވީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. އެ ކޮމިޓީ ބައްދަލުވުން އަންނަ ބުދަ ދުވަހު ބޭއްވުމަށް މިހާރު ވަނީ ނިންމައިފައެވެ. އެ ބައްދަލުވުން ބާއްވާނެ ގަޑިއެއް އަދި ސާފެއް ނޫނެވެ.
ޝަފީގު މާލިއްޔަތު ކޮމިޓީ އަށް ވަޑައިގެން ރާއްޖޭގެ އިގްތިސާދީ ހާލަތު އޮޅުން ފިލުއްވައި ދިނުމުގެ ގޮތުންއިއްޔެ ވެސް ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެ ބައްދަލުވުމަށް ވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވި ކަމުގައި ވިޔަސް، ޝަފީގު ވަނީ އިގްތިސާދީ ހާލަތާ ގުޅޭ ލިޔުންތަކެއް ފޮނުއްވައިފައެވެ. އެ ލިޔުންތަކާ މެދުގައި މަޝްވަރާ ކުރުމަށްޓަކައި ބައްދަލުވުން ސިއްރު ކުރަން ފެނޭތޯ ވޯޓަށް އެހުމުން، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ބައްދަލުވުން ސިއްރު ކުރުމަށެވެ.
ރާއްޖޭގެ މާލީ ހާލަތު މަޖިލިހުގެ ކޮމިޓީ އަށް އޮޅުން ފިލުއްވައި ދެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މެމްބަރު އަހުމަދު ނާޒިމެވެ. މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ އިގްތިސާދީ މަންޒަރު ސިފަ ކުރެވޭނީ ފިނޭންސް މިނިސްޓްރީން އެ މަންޒަރު ދެއްވީމަ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ހަގީގަތް ހާމަކޮށްގެން މެނުވީ، ޓެކްސް އިތުރަށް ބޮޑުކުރުން ފަދަ ފިޔަވަޅެއް މަޖިލީހަށް އެޅެން ނޯންނާނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، މިހާރުން މިހާރަށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ތެދުބަހުން ކިޔައިދޭން ނާޒިމް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާ ގުޅޭ "ހިތި ބޭސް ސިޓީއެއް އޮތިއްޔާ" އެ ކަން ނުފޮރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ