މަސައްކަތު ސައިޓުތަކާ ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަން އެޗްޑީސީން އެދިއްޖެ އެވެ.
އިއުލާނެއް ނެރެ އެ ކުންފުނިން ބުނީ މި ދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭ ގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުގައި ރައްކާތެރި ކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް އެދިފައިވެ އެވެ. އެއީ؛
- ސައިޓްތަކުގެ ވަށައިގެން ޖަހާފައިވާ ސޭފްޓީ ނެޓް ނުވަތަ ޓިނު ފަދަ ތަކެތި ރަނގަޅަށް ހަރުކުރެވިފައިވޭތޯ ބެލުން
- ބެލްކަނިތަކާއި ޓެރެސް ފަދަ ތަންތަނުގައި ބެހެއްޓިފައިވާ އާންމުންނަށް ގެއްލުންވާނެ ފަދަ ތަކެތި ނެގުން
- ބޭރަށް ހުޅުވޭ ގޮތަށް ހުރި ފެންލައިޓްތަކާއި ދޮރުފަދަ ތަންތަން ގޭތެރެއަށް ފެން ނުވަންނާނެހެން ބަންދު ކުރުން
މިއީ ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. ބޯކޮށް ވާރޭވެހުމުގެ އިތުރުން ބާރު ވައިގެ ސަބަބުން ދަނީ ހާދިސާތައް ހިނގަމުންނެވެ. ސައިޓްތަކުގެ ސޭފްޓީ ނެޓް އެއްލާލުމާއި ގަސް ވެރުމުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ.
ކޮމެންޓު ފޮނުވާ