މިއަދު ދައުލަތުން އުފުލާފައިވާ ވައްކަމުގެ ހުރިހާ ދައުވާއެއްގެ ހެކިންގެ ގޮތުގައި އާންމު ދެހެކިން ކަނޑައާފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ދައުލަތުން މިއަދު ހުށަހަޅި ހުށަހެޅުމަށް އިޝާރާތްކޮށް، އަލްހާން ވިދާޅުވީ މިއީ މިއަދު ދައުލަތުން ކުރާ ހުރިހާ ވައްކަމުގެ ދައުވާތަކުގައި ހެކިންގެ ގޮތުގައި ބޭނުން ކުރަމުންދާ ދެމީހުންކަމަށެވެ
ހުރިހާ ވައްކަމަކަށް އާންމު ދެހެކިން ދައުލަތުން ހަމަޖައްސައިފި! ދެވަގުންގެ ހެކިބަހުން ވައްކަން ސާބިތުވާ ކަމީ އަދުލު އިންސާފު މެކުހަށް ޖަހައިފިކަން ދޭހަވާ ކަމެއް! އެދެވަގުންނަކީ މެޝިނުގެ އެހީގައި ނޭވާލާ ދެވަގުންކަމަށް ޑޮކްޓަރުން ބުނާކަމަށް ވޭ!
– އަލްހާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދުގެ މަސްލަހަތު އޮންނަ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރި މައްސަލާގައި ދައުލަތުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީނާއި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށް ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކިންގެ ގޮތުގައި ވަނީ، ކުރީގެ ނާއިބު ރައީސް އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތާއި، އިތުރު ބައެއް މީހުންގެ އިތުރުން، ގިނަ އަދަދެއްގެ ލިޔުންތަކެއް ހުށައަޅާފައެވެ. މިމައްސަލާގައި ސަން ކުންފުނިން އެދުނީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންކަމުން މިމައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
މިމައްސަލައިގެ އިތުރުން އެމްއެމްޕީއާރުސީގެ ހުރިހާ މައްސަލައެއްގައިވެސް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އަދީބްއާއި، ޒިޔަތެވެ.
ކޮމެންޓު ފޮނުވާ