ރަސްދޫގައި ހިނގި ގަނާ ކުރި މައްސަލަފަދަ، އަދި ކުޑަކުދިންނަށް ދޭ އަނިޔާތައް ހުއްޓުވާ އަދި މިފަދަ މައްސަލަތަކުގައި ހޭލުންތެރި ކުރުމަށް އަމާޒުކޮށް އިސްލާމިކް މިނިސްޓްރީން ޚާއްސަ މަސައްކަތްތަކެއް ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
އއ ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިފަދަ ކަންކަން މުޖުތަމައުގެ ތެރޭގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިސްލާމީ ކައްތައްތަކާއި ބެހޭ ވުޒާރާއިން ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމުގައެވެ.
ކުޑަކުދިންނަށް އޯގާތެރިކޮށް ހިތުމަކީ އިސްލާމްދީނުގެ އަހްލިއްޔާތުގެ ތެރޭގައި ހިމެނޭ އެންމެ މައިގަނޑު އެއް ސިފަކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަކީ ދީނީ ކަންކަމާއި ގުޅޭގޮތުން މުޅި ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަސްއޫލުއްޔަތު އުފުލަންޖެހޭ މުވައްސަސާކަމުގައެވެ.
އެގޮތުން ހުތުބާތަކުގެ ޒަރިއްޔާއިންނާއި ދީނީ އެކިއެކި ޕްރޮގްރާމްތަކާއި ފޯރަމްތަކާއި ބެލެނެވެރިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އަދި އެކި އެކި އުމުރުފުރާތަކަށް ބަހައިގެން ކުރިޔަށް ގެންދެވޭ ޚާއްސަ ޕްރޮގްރާމްތަކުގެ ޒަރިއްޔާއިންވެސް މިބާވަތުގެ ކަންކަމާއި ގުޅޭގޮތުން އާންމު ހޭލުންތެރި ކުރުމަށް އެމިނިސްޓްރީން މަސައްކަތް ކުރާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އއ. ރަސްދޫގައި ކުއްޖަކަށް ހަނގާކޮށް، އަނިޔާ ކުރި މައްސަލައާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުށުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.