ސީލައިފް ސްކޭމުން ގެއްލުން ލިބުނު ފަރާތްތަކަށް ހިޔާއާއި ވިނަރެސްއިން ފްލެޓް ދީފި

ސީލައިފް ސްކޭމުން ގެއްލުން ލިބުނު ފަރާތްތަކަށް ހިޔާއާއި ވިނަރެސްއިން ފްލެޓް ދީފި

ސީލައިފް ގްލޯބަލްއިން މީގެ ނުވަ ވަރަކަށް އަހަރު ކުރިން ނަމެއްގައި ހިންގި ހައުސިން ސްކީމުން ގެއްލުންވި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ހިޔާ ފްލެޓާއި، ވިނަރެސް އިން ފްލެޓު ދީފިއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް 3000ހައުސިންގ ޔުނިޓްގެ މަޝްރޫޢުއެއް އިޢުލާންކުރީ 2016 ވަނަ އަހަރުއެވެ. އަދި އޭރު މި ޕްރޮޖެކްޓުން ފްލެޓް ގަތުމަށް ގިނަ ބަޔަކު ފްލެޓަށް ފައިސާވެސް ދެއްކިއެވެ. ނަމަވެސް ދިގުމުއްދަތެއްވެ، ފްލެޓްގެ މަސައްކަތް ނުނިމި ޕްރޮޖެކްޓްގައި ބައިވެރިވި މީހުންނަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

އެ ފްލެޓްތަކަށް، ބުކިން ފީގެ ގޮތުގައި 50،000ރ. ދެއްކި އެވެ. ބައެއް މީހުން ޑައުޕޭމަންޓްގެ އެކި މިންވަރު ވެސް އަދި އަނެއް ބަޔަކު އެއަށް ވުރެ ގިނައިން ވެސް ފައިސާ ދެއްކި އެވެ.

ރައީސް މުހައްމަދު މުއިއްޒު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެ އަތޮޅު ފެލިދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ސީލައިފް ސްކޭމުން ގެއްލުންވި ގާތްގަނޑަކަށް 375 ވަރަަކަށް މީހުންނަށް ބަދަލުގެ ގޮތުގައި އެޗްޑީސީން މީގެ ކުރިން ވެސް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

203 މީހެއްގެ ތަންފީޒުކުރުމުގެ ހުކުމެއް އެޗްޑީސީގެ މައްޗަށް އޮތް އަޅުގަނޑު ހަވާލުވިއިރު. އެ 203 މީހުންގެ ތެރެއިން މިއަދު އަޅުގަނޑު ފަހުރުވެރިކަމާ އެކު، ރައީސް އެދެއްވި ލަފަޔާއި އިރުޝާދުގެ އަލީގައި އެކަން ކޮށް ނިންމައިފިން. މިއަދު އަޅުގަނޑުމެންގެ ބޯޑުން ނިންމާފައިވަނީ އެ 203 މީހުންނަށް ހައްގު ހޯދައިދިނުމަށް.

ފަޒުލް ވިދާޅުވި އެވެ.

ފްލެޓް ގަނެ ފައިސާދެއްކި 200 އެއްހާ މީހުން ސީލައިފާ ދެކޮޅަށް އެ މައްސަލަ ސިވިލް ކޯޓަށްވެސް ހުށައެޅިއެވެ. މިކަމާއި ގުޅިގެން މީގެކުރިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ، ސީލައިފް ފްލެޓަށް ފައިސާ ދެއްކި އާއިލާތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. ކޯޓުގައި ކުރިޔަށްދިޔަ މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އޭރު މައްސަލަ ޙައްލުކުރިއެވެ.

ފަޒުލް ވިދާޅުވެފައިވަނީ، ހިޔާ ފްލެޓުން ބާކީވެފައިވާ 60 އެއްހާ ޔުނިޓުން ސީލައިފް ސްކޭމުން ގެއްލުންވި މީހުންނަށް ޖާގަ ދިން ކަމަށާއި، ވިނަރެސް އިން 130 ފްލެޓުން ބައެއް މީހުންނަށް ފްލެޓުދީ ލިއުން ހަވާލުކުރި ކަމަށެވެ.

ފަޒުލް އިތުރަށް ވިދާޅުވީ ބަދަލު ދިނުމަށް ކޯޓުން އަންގާފައިވާ 203 މީހުންގެ ތެރެއިން ބަދަލުގެ ގޮތުގައި އިއްޔެ ފްލެޓުގެ ލިއުން ދީފައިވަނީ ބައެއް މީހުންނަށް ކަމަށެވެ. ނަމަވެސް ބަދަލުގެ ގޮތުގައި ފްލެޓު ދިން މީހުންގެ ޖުމްލަ އަދަދެއް އޭނާ ވިދާޅެއްނުވެ އެވެ.

ސީލައިފުން ލަނޑު ލިބުނު މީހުންނަށް ބަދަލުގެ ގޮތުގައި ދިން ވިނަރެސް ފްލެޓުތަކަކީ މިދިޔަ ސަރުކާރުގެ ފަހުކޮޅު ވިއްކަން ހުޅުވާލި 130 ފްލެޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *