ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގައްދުއަށް ވަޑައިގެން، ގައްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމަށް، ގައްދޫ ކައުންސިލްގެ ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެމްބަރުން ނުދިޔައީ ގައްދޫ ދާއިރާގެ ޕީއެންސީގެ ޓިކެޓް ވަކި ފަރާތަކަށް ދިނުމުގައި ހުރި ހިންމަހަމަ ނުޖެހުންތަކާއި ގުޅިގެންކަމަށް "ޚަބަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް މުއިއްޒު މިއަދު ގައްދޫއަށް ކުރެއްވި ޒިޔާރަތުގައި، ގައްދޫގައި ބޭއްވި ބައްދަލުވުމަށް ދިޔައީ 7 ކައުންސިލަރުން ތިބޭ ކައުންސިލްގެ އެންމެ މެމްބަރެކެވެ. މި ބައްދަލުވުމަށް ވަޑައި ނުގަތް މެމްބަރުންގެ ތެރޭގައި ކައުންސިލްގެ ރައީސްއާއި އަދި ނައިބު ރައީސްވެސް ހިމެނެއެވެ. ގައްދޫ ކައުންސިލްގަ އެމްޑީޕީގެ 3 ކައުންސިލަރުން ތިބޭއިރު ޕީޕީއެމްއަށް ނިސްބަތްވާ 4 ކައުންސިލަރުން ތިބެއެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ފާއިތުވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ސޮއި ކުރި ނަމަވެސް، އޭނާ އޭގެ ކުރިން ހުންނެވީ ޕީޕީއެމްގައެވެ. އަދި ނާއިބު ރައީސާ ޚަދީޖާ އަހުމަދަކީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރެކެވެ.
ގައްދޫއިން "ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތަކުން ކިޔައިދިން ގޮތުގައި ޕީޕީއެމް/ޕީއެންސީއަށް ތާއީދުކުރާ ބައެއް ކައުންސިލަރުން މިއަދުގެ ބައްދަލުވުމަށް ގޮސްފައިވަނީ، ފާއިތުވި ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ޓިކެޓް ވޯޓު އޮޅުވާލައިގެން އެހެން ފަރާތަކަށް ދީފައިވާކަމަށް އެ ކައުންސިލަރުން ގަބޫލުކުރާތީ ކަމުގައެވެ.
އެހެންނަމަވެސް މި ބައްދަލުވުމަށް ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ނުދިޔަ ސަބަބުން ސާފުނުވާކަމަށްވެސް އޭނާ ބުނެފައި ވެއެވެ.
މިއަދު ގައްދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އޮތް ޖަލްސާއަށް ކައުންސިލް ރައީސްއާއި ނާއިބު ރައީސް ވަޑައިނުގަތުމުން، ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒުވަނީ އެކަމުގެ ނުރުހުން ފާޅުކުރައްވާ ވާހަކަވެސް ދައްކަވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށެއްގަވެސް ކައުންސިލްތަކުން ކަން ކުރެއްވީ ވަރަށް ރަގަޅަށް ކަމަށާއި، އެއްވެސް ރަަށަކުން އެފަދަ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމުގައެވެ.
އެހެންނަމަވެސް މި ރަށުން މި ފެންނަ މަންޒަރާ ދޭތެރޭ ހިތާމަކުރަން. ލާމަރުކަޒީ ނިޒާމެއް ހިންގަންޖެހޭ އުސޫލެއްނޫން، އެއަށްވުރެ އަޅުގަޑުމެން ވާންޖެހޭނީ ޒިންމާދާރު ބަޔަކަށް. ރައްޔިތުން އިންތިޚާބެއްގަ މީހަކު ހޮވާއިރުގަ އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގަ ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށް، ހަމަހަމަކަން އިސްކުރަން ޖެހޭނެ. ސިޔާސީ ފިކުރާ ސިޔާސީ ވިސްނުމަކީ ދޭތެރެމެދުން ހުރަހަކަށް ވާކަމަކަށް ހަދައިގެން ނުވާނެ. ދެން މިވާހަކަ މި ދަންނަވާލީ މިއަދުގެ ޖަތުރިބާއިން. މިއަދުގެ އެޖެންޑާގަ ކައުންސިލް މިތަނުގަ ރެޕްރެސެންޓެއް ނުވި. ފަހުވަގުތު ހާޒިރުވެވަޑައި ނުގަތީމަ. ދެން ކައުންސިލްގެ ނައިބު ރައީސްވެސް ހާޒިރެއް ނުވި. ސިޔާސީ ވިސްނުން އެއްފަރާތްކޮށްފަ ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ ރައްޔިތުން އިސްކުރަން ޖެހޭނީ.
މިއަދުގެ ބައްދަލުވުމަށް ކައުންސިލްގެ މެމްބަރުން ހާޒިރު ނުވުމުން ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވިއެވެ.
އަޅުގަޑު މިތަނަށް މި އަންނަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ. ރައްޔިތުންގެ ގާތަށް. އެހެންވިމާ ރައްޔިތުންނާ ސަރުކާރާ ދޭތެރޭ މެދުގަ ލާމަރުކަޒީ ނިޒާމުން މިއޮންނަނީ ކައުންސިލް. އެހެންވީމަ ކައުންސިލް ވާންޖެހޭނީ މިވަގުތާއި ހަމައަށް މިތަނުގަ އަޅުގަޑުމެން މިތަޖުރިބާކުރާ ހާލަތް ދިމާވުމާއި ހަމައަށް މިދިޔަ ހުރިހާ ރަށެއްގަ މިކަން ދިޔަ ގޮތަށް ފުރިހަމަކޮށް. ހުރިހާ ރަށެއްގަވެސް ވަރަށް ރަގަޅަށް އެކަން ދިޔައީ. ފެނިވަޑައިގަންނަވާނެ ހުރިހާ ރަށެއްގަ ދިޔައީ ރަގަޅަށްކަން. ކައުންސިލްތައް ސަރުކާރާ ގުޅިގެން ވަރަށް ރަގަޅަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ އެކަތިގަޑަކަށް ވެގެން ކުރިޔަށްދާތަން ފެނިފަ އޮތީ.
ރައީސް ވިދާޅުވިއެވެ.
ފާއިތުވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ޕީއެންސީގެ ޓިކެޓް ލިބުނީ މަހްމޫދު ޝަފީޤު (މަހާ)އަށެވެ. އޭނާއާއި ވާދަކޮށްފައިވަނީ، ފާއިތު 5 އަހަރު ގައްދޫގައި ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް ހުންނެވި އަހުމަދު ޝަހުބާދުއެވެ. މަހާއަށް ޓިކެޓް ލިބުނުކަމަށް ޕީއެންސީން ނިންމީ ވޯޓު ލީދުވަހު ޖެހުނު މައްސަލަތަކަށްފަހު އެދުވަހު ނަތީޖާ އިއުލާން ނުކޮށް، ފަހުން މައްސަލަ ބެލުމަށްފަހުއެވެ. އެހެންނަމަވެސް އޭނާއަށް ޓިކެޓް ދިންއިރުވެސް، ވޯޓާސް ލިސްޓަށްވުރެ އިތުރަށް މާލޭ ފޮއްޓަށް ވޯޓު ލާފައިވާކަމަށް ބުނެ ޖެހުނު މައްސަލަތަކަށް ހައްލެއް ހޯދާފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާވަނީ ފަހުން ނަން އަބުރާ ގެންގޮސްފައެވެ.
އަދި ޕީއެންސީގެ ޓިކެޓްގައި މިހާރު އެދާއިރާއަށް ވާދަކުރަނީ، އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި، އެރަށަށް ނިސްބަތްވާ އިސްމާއިލް ޝަފީއުގެ ކޮއްކޮއެވެ. ޝަފީއުގެ ކޮއްކޮ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށްފައެއް ނުވެއެވެ. ޕްރިމަރީން ބަލިވިކަމަށް ނިންމި އަހުމަދު ޝަހުބާދު އިންތިޚާބުގައި މިހާރު ވާދަކުރައްވަނީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ