ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަދު ގައްދޫގައި ރައީސް ބޭއްވި ބައްދަލުވުމަށް ވަޑައިގެންނެވީ ކައުންސިލްގެ އެންމެ މެމްބަރެއް!

ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަދު ގައްދޫގައި ރައީސް ބޭއްވި ބައްދަލުވުމަށް ވަޑައިގެންނެވީ ކައުންސިލްގެ އެންމެ މެމްބަރެއް!

Author
ހުސެއިން
21 ފެބްރުއަރީ 2024 01:50
0

ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގައްދުއަށް ވަޑައިގެން، ގައްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމަށް  ގައްދޫ ކައުންސިލްގެ އެންމެ މެމްބަރަކު ފިޔަވާ އެހެން ހުރިހާ މެމްބަރުން ވަޑައެއް ނުގަތެވެ. މި ބައްދަލުވުމަށް ވަޑައި ނުގަތް މެމްބަރުންގެ ތެރޭގައި ކައުންސިލްގެ ރައީސްއާއި އަދި ނައިބު ރައީސްވެސް ހިމެނެއެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ފާއިތުވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ސޮއި ކުރި ނަމަވެސް، އޭނާ އޭގެ ކުރިން ހުންނެވީ ޕީޕީއެމްގައެވެ. އަދި ނާއިބު ރައީސާ ޚަދީޖާ އަހުމަދަކީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރެކެވެ. ރައީސް މުއިއްޒު ގައްދުއަށް ފާބައިވަދައިގެންނެވި އިރުވެސް މަރުހަބާ ކިއުމަށްވެސް އެންމެ މެމްބަރަކު ފިޔަވާ އެހެން މެމްބަރުން ވަޑައެއް ނުގަތެވެ.

މިއަދު ގައްދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ކައުންސިލް ރައީސްއާއި ނާއިބު ރައީސް ވަޑައިނުގަތުމުން، ރައްޔިތުނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒުވަނީ އެކަމުގެ ނުރުހުން ފާޅުކުރައްވާ ވާހަކަވެސް ދައްކަވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށެއްގަވެސް ކައުންސިލްތަކުން ކަން ކުރެއްވީ ވަރަށް ރަގަޅަށް ކަމަށާއި، އެއްވެސް ރަަށަކުން އެފަދަ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމުގައެވެ.

އެހެންނަމަވެސް މި ރަށުން މި ފެންނަ މަންޒަރާ ދޭތެރޭ ހިތާމަކުރަން. ލާމަރުކަޒީ ނިޒާމެއް ހިންގަންޖެހޭ އުސޫލެއްނޫން، އެއަށްވުރެ އަޅުގަޑުމެން ވާންޖެހޭނީ ޒިންމާދާރު ބަޔަކަށް. ރައްޔިތުން އިންތިޚާބެއްގަ މީހަކު ހޮވާއިރުގަ އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގަ ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށް، ހަމަހަމަކަން އިސްކުރަން ޖެހޭނެ. ސިޔާސީ ފިކުރާ ސިޔާސީ ވިސްނުމަކީ ދޭތެރެމެދުން ހުރަހަކަށް ވާކަމަކަށް ހަދައިގެން ނުވާނެ. ދެން މިވާހަކަ މި ދަންނަވާލީ މިއަދުގެ ޖަތުރިބާއިން. މިއަދުގެ އެޖެންޑާގަ ކައުންސިލް މިތަނުގަ ރެޕްރެސެންޓެއް ނުވި. ފަހުވަގުތު ހާޒިރުވެވަޑައި ނުގަތީމަ. ދެން ކައުންސިލްގެ ނައިބު ރައީސްވެސް ހާޒިރެއް ނުވި. ސިޔާސީ ވިސްނުން އެއްފަރާތްކޮށްފަ ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ ރައްޔިތުން އިސްކުރަން ޖެހޭނީ.

މިއަދުގެ ބައްދަލުވުމަށް ކައުންސިލްގެ މެމްބަރުން ހާޒިރު ނުވުމުން ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވިއެވެ.

އަޅުގަޑު މިތަނަށް މި އަންނަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ. ރައްޔިތުންގެ ގާތަށް. އެހެންވިމާ ރައްޔިތުންނާ ސަރުކާރާ ދޭތެރޭ މެދުގަ ލާމަރުކަޒީ ނިޒާމުން މިއޮންނަނީ ކައުންސިލް. އެހެންވީމަ ކައުންސިލް ވާންޖެހޭނީ މިވަގުތާއި ހަމައަށް މިތަނުގަ އަޅުގަޑުމެން މިތަޖުރިބާކުރާ ހާލަތް ދިމާވުމާއި ހަމައަށް މިދިޔަ ހުރިހާ ރަށެއްގަ މިކަން ދިޔަ ގޮތަށް ފުރިހަމަކޮށް. ހުރިހާ ރަށެއްގަވެސް ވަރަށް ރަގަޅަށް އެކަން ދިޔައީ. ފެނިވަޑައިގަންނަވާނެ ހުރިހާ ރަށެއްގަ ދިޔައީ ރަގަޅަށްކަން. ކައުންސިލްތައް ސަރުކާރާ ގުޅިގެން ވަރަށް ރަގަޅަށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގަ އެކަތިގަޑަކަށް ވެގެން ކުރިޔަށްދާތަން ފެނިފަ އޮތީ.

ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރައީސްގެ ބައްދަލުވުމަށް ދިޔައީ 7 ކައުންސިލަރުން ތިބޭ ކައުންސިލްގެ އެންމެ މެމްބަރެކެވެ. ގައްދޫ ކައުންސިލްގަ އެމްޑީޕީގެ 3 ކައުންސިލަރުން ތިބޭއިރު ޕީޕީއެމްއަށް ނިސްބަތްވާ 4 ކައުންސިލަރުން ތިބެއެވެ. އޭގެ ތެރެއިން ރައީސްގެ ބައްދަލުވުމަށް ދިޔައީ ޕީޕީއެމްއަށް ނިސްބަތްވާ އެންމެ ކައުންސިލަރެކެވެ.

ޕީޕީއެމްގެ ގިނަ ކައުންސިލަރުން މި ބައްދަލުވުމަށް ނުދިޔައީ، ފާއިތުވި ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ އޮޅުވާލައިގެން، އެރަށު ޕީޕީއެމްގެ އިސްކޮށް ހަރަކާތްތެރިވި ޝަހުބާދުއަށް ޓިކެޓް ނުދިން މައްސަލާގައި އުފެދިފައިވާ ހިންހަމަނުޖެހުންތަކާއި ގުޅިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ޕްރައިމަރީގެ ޕީއެންސީގެ ޓިކެޓް ލިބުނީ މަހްމޫދު ޝަފީޤު (މަހާ)އަށެވެ. އެހެންނަމަވެސް އޭނާވަނީ ފަހުން ނަން އަބުރާ ގެންގޮސްފައެވެ. އަދި ޕީއެންސީގެ ޓިކެޓްގައި މިހާރު އެދާއިރާއަށް ވާދަކުރަނީ، އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި، އެރަށަށް ނިސްބަތްވާ އިސްމާއިލް ޝަފީއުގެ ކޮއްކޮއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.