އިންޑިއާއިން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގައި އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯ އިން މިހެން ބުނެފައި މިވަނީ އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމަށް، ރާއްޖެ ނުހިނެމެނޭހެން 6 ގައުމަކަށް ކޯޓާ ދޫކޮށްފައިވާކަމަށް އިންޑިއާގެ ލޯކަލް ނޫސްތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެން، ރާއްޖެއަށް ފިޔާ ލިބުމުގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާއި ގުޅިގެންނެވެ.
އިންޑިއާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުންވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މިހާތަނަށް ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުރެ އެވެ.
އެސްޓީއޯ އިން މިއަދު ބުނީ އިންޑިއާއިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް އެސްޓީއޯ އިން "ސްޓޭބަލް ސަޕްލައި"އެއްގައި ފިޔާ ފޯރުކޮށްދެމުންދާނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ ފާއިތުވި ދެމަހު ބާޒާރުގެ އަގުތަކަށް ބަލާއިރު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ދަށަށްދާ ކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުރިއަށް އޮތް ރަމަޟާން މަހު އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށް އެސްޓީއޯ އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ