"ނޫ ރާއްޖެ" ޕްރޮގްރާމުން ޖަޒީރާ ރާއްޖޭގެ ސިޔާސަތުތައް ތަންފީޒު ވެގެންދާނެ

"ނޫ ރާއްޖެ" ޕްރޮގްރާމުން ޖަޒީރާ ރާއްޖޭގެ ސިޔާސަތުތައް ތަންފީޒު ވެގެންދާނެ

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 11:18
0

"ނޫ ރާއްޖެ" ޕްރޮގްރާމުގެ ސަބަބުން ޖަޒީރާ ރާއްޖެ އަދި ނޫ އިޤްތިޞާދުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސަރުކާރާއި، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވާ "ބްލޫ ޕްރޮސްޕެރިޓީ" ކޯލިޝަން ގުޅިގެން ކުރިއަށްގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖުގައެވެ.

ރާއްޖޭގެ ޤައުމީ ޓެރެޓަރީގެ %98 އަކީ ކަނޑުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށްވުރެ، ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ޚާއްސަ ސިފައެއްކަމަށެވެ. އަދި ކަނޑުތަކާއި ކަނޑުފަޅުގެ ދިރުންތަކާއި ދިވެހިންނާމެދު އޮންނަނީ ވަރަށް ޚާއްސަ ގުޅުމެއްކަމަށާ އެއީ ދިވެހިންގެ އާދަކާދައާއި ސަޤާފަތާއި ތާރީޚާ ގުޅި ލާމެހިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ އިޤްތިޞާދާއި ޤައުމީ ދުޅަހެޔޮކަން ބަރޯސާވެފައިވަނީ ތިމާވެއްޓާއި ވަކިން ޚާއްސަ ގޮތެއްގައި ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަމުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ "ނޫ އިޤްތިޞާދު"ގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު 2 ސިނާޢަތްކަމަށްވާ މަސްވެރިކަމާއި ފަތުރުކަން ކުރިއެރުވުމުގައި ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުލިބޭ ކަންކަމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރު އދ.ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމަށް އަޅުގަނޑު ކުރި ދަތުރުގައި ކަނޑުފަޅުގެ ދިރުންތައް ޙިމާޔަތްކުރުމަށާއި ނޫ އިޤްތިޞާދު ކުރިއެރުވުމަށް ޙަރަކާތްތެރިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ދިވެހި ސަރުކާރުން ގުޅުމަށް ނިންމީ. މިއަދު މިގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ނޫ ރާއްޖެ ނުވަތަ ބްލޫ މޯލްޑިވްސް ޕްރޮގްރާމް ލޯންޗްވެގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް.

– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހިންނަށް އިޤްތިޞާދީ ގޮތުން ކުރެއެރުންތައް ހާސިލު ކުރެވޭނީ، އަދި ކުރަންވާނީ ވެސް، ކަނޑުތަކާ ރަޙުމަތްތެރި އާދަތަކެއްގެ ތެރެއިން ކަމުގައެވެ. އަދި، އަޅުގަނޑުމެންގެ ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް އަޅުގަނޑުމެން ނުކުޅެދިއްޖެ ހާލަތެއްގައި، އަޅުގަނޑުމެންގެ ޞިއްޙަތާއި، ދިރިއުޅުމާއި، އިޤްތިޞާދު ވެސް ސަލާމަތްކުރުމުގެ ފުރުޞަތު ގެއްލިދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ނޫ އިޤްތިޞާދެއް ބިނާކޮށް، ތިމާވެއްޓާ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްތަކެއްގެ މަތިން ތަރައްޤީއާއި ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މަދުވެގެން ރާއްޖޭގެ ކަނޑުތަކުގެ %20 ޙިމާޔަތްކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒަށް ވާޞިލްވުމަށްތަކައި "ނޫ ރާއްޖެ" ޕްރޮގްރާމަކީ މުހިއްމު ހަރަކާތަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.