އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ހަދަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ކުރިން އޮތް ގޮތަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ކެބިނެޓަށް ކަރުދާހެއް ހުށަހަޅައި ވަޒީރުންގެ މަޖިލިހުގެ މެމްބަރުންގެ މެދުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ހުށަހެޅުމަކަށްވީ 2026 ގެ ޖެނުއަރީގައި ދިރާސީ އާހަރު ފަށަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ނިންމުމުގައި 2025 ވަނަ އަހަރުގައި ބޮޑު ޗުއްޓީ ލިބޭނެ. އެއީ، އެންމެ ކުރިން އަޅުގަނޑުމެން ސްކޫލްގައި އުޅުނު އިރު ކަން ހިނގައިދިޔަ ގޮތަށް. އަދި ހަމައެކު 2026 ވަނަަ އަހަރުގެ އެކަޑަމިކް ކަލެންޑާ ފެށިގެން ދާނީ ޖެނުއަރީ މަހުން ފެށިގެން.ހަމަ އާންމުކޮށް އަޅުގަނޑުމެން މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލަށް،" ނާޒިމް ވިދާޅުވިއެވެ.
މިއާއެކުގައި އަންނަ އަހަރު ޖުލައި މަހުގައި ތިން ހަފްތާގެ ޗުއްޓީއަކާއި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ލިބޭނެއެވެ.
ނާޒިމް ވިދާޅުވީ، މިކަން ކުރުމަށް ރޭވިފައިވަނީ ކުއްލި އަކަށް އެ ބަދަލު ގެނައުމުގެ ބަދަލުގައި ތައުލީމީ ކަލެންޑަރަށް މަދު މަދުން ގެނެވޭ އިސްލާހުތަކަކާއެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިއަށް ހައްލެއް ލިބޭގޮތަށް ކަމަށެވެ. އަދި އެއީ ދަރިވަރުންގެ ކިޔެވުމަށް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިނުވާނެ ގޮތެއްގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
ބޮޑު ޗުއްޓީ ކުރިން އޮތް ގޮތަށް ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިރާސީ އަހަރު ފެށޭގޮތް ބަދަލުކުރީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންނަށް އެ މީހުންގެ ދަރިންނާއެކު ޗުއްޓީ ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. އެގޮތުން އެ ސަރުކާރުގައި ހަމަޖެއްސީ ރިސޯޓުތަކުގެ އޮފް ސީޒަނާ ގުޅުވައި ޗުއްޓީ ފެށޭގޮތަށެވެ.
އެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރީ ސްކޫލް ބަންދު ދުވަސްވަރަކީ އާންމުކޮށް ރާއްޖޭގެ މޫސުން ގޯސްވެ ބޯކޮށް ވާރެހޭ ދުވަސްވަރު ކަމަށްވުމުން އެ ބަދަލުގެ މަގްސަދު ހާސިލް ނުވާ ކަމަށް ބުނެއެވެ.