ހޯމް މިނިސްޓްރީން ދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން

ހޯމް މިނިސްޓްރީން ދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 08:49
0

ހޯމް މިނިސްޓްރީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ކުރިއަށްދާ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމުގައި ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށެއް ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެކެވެ. ދެ ދައުވާއާ ގުޅިގެން ބައެއް ލިޔުންތައް ނުލިބޭތީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ ވަކީލުންނަށް މިދިޔަ ހަފުތާގައި ވަނީ ދީފަ އެވެ. އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުން ބާއްވާނީ އަންނަ ޖެނުއަރީ މަހު ކަމަށް އެ ދުވަހުގެ ޝަރީއަތުގައި އިސް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔަމީނާއި އެކަނިކުފާނުގެ ވަކީލުން ބައްދަލުކުރާ ކޮންމެ ފަހަރަކު 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓެއް ހުށަހަޅަންޖެހޭ ކަމަށް ބުނެ އެންމެ ފަހުން ހަމަޖެހުނު ވަކީލުންގެ ބައްދަލުވުންވެސް ކަރެކްޝަނުން ވަނީ ހުއްޓުވާފައެވެ. މިކަމުގެ ކަންބޮޑުވުން ރައީސް ޔާމީންގެ ވަކީލުން ފާޅުކުރެއްވުމާއި ގުޅިގެން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ  އެ މަނިކުފާނުގެ ގާނޫނީ ވަކީލުން އުޅުއްވަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޔާމީންގެ ޝަރީއަތް ލަސްކޮށް ނުފޫޒު ފޯރުވަން ކަމަށެވެ.

ނަޒީރުގެ ވާހަތަކާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް ޖަވާބުދާރީވުމުގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި 53 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ދުސްތޫރީ ޙައްޤުކަމަށްވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ޙައްޤު ނިގުޅައިގަތުމަށް މިދިޔަދުވަސްތަކުގައި ތަކުރާރުކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މަސައްކަތްކުރަމުން އައިސްފައިވާއިރު، 6 ޑިސެމްބަރ 2020 ގައި ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމަށްފަހު ކުއްލިއަކަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ބައްދަލުވުމަށް ކޮންމެފަހަރަކު ޕީ.ސީ.އާރު ޓެސްޓު ހެދުމުން ނޫންގޮތަކަށް ބައްދަލުވުން ހަމަނުޖެހޭނެކަމަށް ބަޔާންކޮށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ގުޅޭގޮތުން ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވާގޮތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ޤާނޫނުއަސާސީގެ 141 (ނ) ގައި ބަޔާންކޮށްފައިވާ އޮތް އޮތުމާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަން ފާހަގަކޮށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށާއި ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ދުސްތޫރީގޮތުން ލިއްބައިދޭ އެންމެހާ ޙައްޤުތަށް ފުރިހަމައަށް ލިބޭނެގޮތް ކަށަވަ) ހަވަރުކޮށްދެއްވުމަށް ދައުލަތުގެ ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.