ކޯވިޑް-19ގެ ބަލިމަޑުކަމުގައި ސްރީލަންކާގައި ނިޔާވާ މުސްލިމުން ރާއްޖޭގައިއި ވަޅުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރައްވާކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.
ކޯވިޑް-19ގައި ގުޅިގެން ލަންކާގައި ނިޔާވާ މުސްލިމުން ވަޅުނުލާ އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިމައްސަލާގައި ލަންކާގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ބައެއް ހަމަނުޖެހުންތައްވެސް ހިނގާފައެވެ.
ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ، ސްރީލަންކާ ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި އެޤައުމުގެ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަޤްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިޢާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ