ސަލްމާން މިސްކިތް ނުހުޅުވަނީ ދީނަށް ފުރައްސާރަ ކުރާ މީހުން ހިތްހަމަ ޖައްސަން: ސަލީމް

ސަލްމާން މިސްކިތް ނުހުޅުވަނީ ދީނަށް ފުރައްސާރަ ކުރާ މީހުން ހިތްހަމަ ޖައްސަން: ސަލީމް

Author
މުޙައްމަދު ޝަޒައިމް
14 ޑިސެމްބަރ 2020 09:51
0

ކިންގް ސަލްމާން މިސްކިތް ނުހުޅުވައި ލަސްކުރަނީ އިސްލާމްދީނަށް ފުރައްސާކޮށް ދީނަށް ޖެއްސުން ކުރާ މީހުން ހިތްހަމަ ޖެއްސުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކިންގް ސަލްމާން މިސްކިތް ނިމި އެތައް ދުވަހެއް ވެގެންދާއިރުވެސް މިސްކިތް ނުހުޅުވައި، މިސްކިތް ކައިރީގައި އަލަށް ހެދި ޕާކްތަކާއި، މައިޒާންތަކާއި، ކުޅިވަރު ވަސީލަތްތައް ހުޅުވައިގެން ބޭނުން ކުރަމުންދާއިރު މިސްކިތް ނުހުޅުވާ މައްސަލާގައި ގިނަ ބައެއްގެ ފާޑިކުޔުން ވަނީ އަމާޒުވެފައެވެ. މިސްކިތް ނުހުޅުވައި ބަހައްޓާފައިވާތީ އިދިކޮޅު ކޯލުޝަންގެ ގިނަ ބޭފުޅުންގެ ފާޑުކިޔުންވެސް ވަނީ ސަރުކާރަށް އަމާޒު ވެފައެވެ. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މިސްކިތް ނުހުޅުވަނީ ވަކި ބަޔަކު ހިތްހަމަ ޖެއްސުމަށް ކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގެ ކޮންޓްރެކްޓްގައި ބަޔާން ވެގެން ހުރި އެންމެހައި މަސައްކަތްތަށް ނިމިފައިވާއިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް19 ގެ ހާލަތު ދިމާވިއިރު ސަރުކާރުން ދިޔައީ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ އިންތިޒާމްތަށް ހަމަޖެއްސުމާއި ގުޅޭ ގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަވަމުންދާކަމަށެވެ. ކުރިން ޕްލައިން ކުރެވުނީ މާޗް މަހުގައި ހުޅުވުމަށް ކަމަށެވެ.

އެހެން ނަމަވެސް ކޯވިޑް19 ގެ ހާލަތާ ގުޅިގެން މިހާރު އެކަން ލަސްކުރެވިފައިވާކަމަށެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވެސް ނޮވެމްބަރު މަހުގެ މެދުތެރޭގައި ހާމަކުރައްވާފައިވާ ފަދައިން ކިންގް ސަލްމާން މިސްކިތް ހުޅުވާނެ އައު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި، މިނިސްޓްރީ އޮޮފް ފޮރިންގ އެފެއާޒްއާއި ގުޅިގެން ސައުދީ ސަރުކާރާ ވާހަކަ ދައްކައިގެން ކުރިއަށްދާ ކަމަށް ވަނީ ބުނެފައެވެ.

މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ތަނެއްވަނީ ހަދާފައެވެ. 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ބުރި ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަރޕަސް ހޯލެއްގެ ގޮތުގައެވެ.

ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވާ ގޮތަށް ބަލާއިރު، މި މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ސަރަޙައްދުތަކުގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން މިސްކިތުގެ އެންމެ ތިރި ވުޞޫއުކުރުމަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މި ދެ ފަންގިފިލާގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.