މާލޭގައި ދިރިއުޅޭ ހއ.ދިއްދޫ ރައްޔިތުންނާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މާލޭގެ ރެސްޓޯރެންޓެއްގައި ބޭއްވި މިބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިބައްދަލުވުމުގައި އެރަށުގެ ރައްޔިތުން ވަނީ ހުރި ކަންބޮޑުވުންތައް ރައީސް ނަޝީދާއި ހިއްސާ ކުރައްވައި އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާ ކުރައްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކާއިއެކު ދިއްދޫގެ ތަރައްޤީއަށް ކުރިމަތިވި މަޑު ޖެހުން ކުރިއަށް އޮތްތަނުގައި ރަނގަޅުވެ، ތަރައްޤީގެ ކަންކަން އަނެއްކާވެސް ފަށައިގަނެވޭކަމަށް މިއަދުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 އާއިއެކުގައިވެސް ދިއްދޫގެ ތަރައްޤީއާއި ގުޅިފައިވާ ބައެއް މަޝްރޫޢުތައް މިހާރުވެސް ވަނީ ފަށާފައެވެ. އެގޮތުން ދިއްދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި، ދިއްދޫގައި ގިރަމުންދާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީއާއި ވަނީ ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ