ބޮލީވުޑްގެ މަޝްހޫރު ބަޗަން އާއިލާއަށް ނިސްބަތް ވާ އަދި ރީތީގެ ރާނީ އައިޝްވަރްޔާ ރާއީ އާއި އަބިޝޭކް ބަޗަންގެ ދަރިފުޅު އަރާދިއާ ބަޗަން ގެ އެކްޓިން ހުނަރު ފެނިގެންދާ ވަރުގަދަ ހުށަހެޅުމަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އުމުރުން 11 އަހަރުގެ އަރާދިއާ އޭނާގެ އެކްޓިން ހުނަރު ދައްކައިލީ މިދިއަ ހަފްތާގައި އޭނާ ކިޔަވަމުން އަންނަ ސްކޫލް، މުމްބާއީގެ ދިރުބާއީ އަމްބާނީ އިންޓަނޭޝަނަލް ސްކޫލްގެ އެނުއަލް ޑޭގެ ހަރަކާތްތަކުގެ ތެރެއިން ނެވެ.
މި ހަރަކާތް ބަލައިލުމަށް އަރާދިއާގެ އާއިލާ ވަނީ ގޮސްފައިއެވެ. އައިޝްވަރްޔާ އާއި އަބިޝޭކް ގެ އިތުރުން އަމިތާބް ބަޗަން އާއި ޖާޔާ އަދި އައިޝްވަރްޔާގެ މަންމަ ވެސް ވަނީ ގޮސްފައިއެވެ.
އިނގިރޭސި ބަހުން ހުށަހަޅައި ދިން އެ ތަމްސީލުގައި އާރަދިއާ ފެނުނީ ހޮލީވުޑްގެ ފިލްމު "މެގްނިފިޝަންޓް" ގައި އެންޖެލީނާ ޖޯލީ ކުޅުނު ކެރެކްޓާއާ ދާދި އެއްކަހަލަ ގޮތަކަށެވެ. މި ޑްރާމާ މިހާރު އަންނަނީ ވައިރަލް ވަމުންނެވެ. އަދި ގިނަބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
މަންމަ ފަދައިން އަރާދިޔާ އަށް އެކްޓިންގެ ހުނަރު ލިބިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައިއެވެ. އައިޝްވަރްޔާ ވަނީ އެ ހުށައެޅުން ވީޑިއޯ ވެސް ކޮށްފައިއެވެ.
މިދިއަ ހަފްތާގައި ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިންގެ ދަރިންގެ ހުށައެޅުންތަށް ވަނީ ދައްކައިލައިފައިއެވެ. އެގޮތުން ޝާހުގެ ދަރިފުޅު އަބްރަމް އާއި ކަރީނާ ގެ ދަރިފުޅު ތައިމޫރުގެ ހުށައެޅުން ވެސް ވަނީ ގެނެސްދީފައިއެވެ.
މި ސުކޫލަކީ ބޮލީވުޑްގެ ތަރިންގެ ކުދިން ކިޔަވަމުން އަންނަ މަޝްހޫރު ސުކޫލެކެވެ. މި ސުކޫލަކީ އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީ ގެ އަންހެނުން ނީތާ އަންބާނީގެ ސުކޫލެކެވެ.
އެއާއިލާއަކީ ބޮލީވުޑްގެ ތަރިންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ އާއިލާއެކެވެ. އެމީހުންގެ ފަންގްޝަން ތަކުގައި އަބަދުވެސް ބޮލީވުޑްގެ އެކި ފަންތީގެ ތަރިން ބައިވެރިވެއެވެ.