1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ހަރުމުދަލާއި ފައިސާއިން ބަދަލު ދޭން ނިންމާފައިވަނިކޮށް ސެޓްލްމަންޓް ކޮމިޓީ އުވާލައިފި

1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ހަރުމުދަލާއި ފައިސާއިން ބަދަލު ދޭން ނިންމާފައިވަނިކޮށް ސެޓްލްމަންޓް ކޮމިޓީ އުވާލައިފި

Author
ހުސެއިން
21 ނޮވެމްބަރ 2023 07:17
0

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ މިއަދު އުވާލައްވައިފިއެވެ.

"ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލަކަށްކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ، 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދިޔަ މި އުޞޫލާއި މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް މިދެއްވި ލަފާގައި، މިއީ ޤާނޫނީ އޮނިގަނޑެއްނެތި އަދި ޤާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުޞޫލެއްކަން ފާހަގަކުރެއްވުމުގެ އިތުރުން، މި އުޞޫލުގެ ދަށުން މައްސަލަތައް ޙައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަން ފާހަގަކުރައްވާފައި ވާކަމަށެވެ.

އަދި، ޝަރުޢީ މަރުޙަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި ދެންނެވި އުޞޫލުގެ ދަށުން ޙައްލުކޮށްފައިވާ 5 މައްސަލައެއް ފާހަގަކުރައްވައި، މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުޙަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިޢާޔަތްކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ޚިލާފަށްކަމަށް ވިދާޅުވެފައިވެއެވެ. އަދި މި އުޞޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތަޢައްސުފީކޮށް ޢަމަލުކުރުމަށް މަގުފަހިވާ އުޞޫލެއްކަމަށާ، މި އުޞޫލު ޤާނޫނުއަސާސީގެ 271 ވަނަ މާއްދާއާ ޚިލާފުކަމަށްވެސް ބަންޑާރަ ނާއިބު ދެއްވި ލަފާގައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ، ސެޓްލްމަންޓް ކޮމެޓީ މިއަދު އުވައިލެއްވިއިރު، އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމުގައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެކަމަށް އަންދާޒާކުރެވޭކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.