މި އަހަރުގެ ބާކީ ބައިގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅަން ތާވަލް ކުރި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން މިއަދު ނިންމާލައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ކޯރަމަކީ 22 މެމްބަރުންނެވެ. އެކަމަކު، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ކޯރަމް ނެތިގެން މަޖިލިހުގެ ޖަލްސާ ބޭއްވެން ނެތް ކަމަށް ވިދާޅުވެ، ޖަލްސާ ނިންމަވާލައްވައިފައެވެ.
ސަޕްލިމަންޓްރީ ބަޖެޓުގެ އިތުރުން ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ މަސައްކަތް ކުރަން މަޖިލިހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފައެވެ.
މީގެއިތުރުން ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވެއެވެ.
އަދި އަސްލަމް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލްގެ މަސައްކަތް ވެސް ކުރިއަށް ގެންދަން އެޖެންޑާކޮށްފައިވެއެވެ.
ސަރުކާރުގެ ފަރާތުން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީބަޖެޓެއް މަޖިލީހަށް ފޮނުވީ، މިދިޔަ ބުދަ ދުވަހުއެވެ.
ކޯރަމް ހަމަނުވެގެން މިއަދު ޖަލްސާ ނިންމާލިއިރު، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާއެވެ.
ކޮމެންޓު ފޮނުވާ