ދ. ކުޑަހުވަދޫއާއި އިތުރު އެހެން ބައެއް ރަށްރަށުގައިވެސް ވިއްކާ ތެލުގެ އަގުތައް ކުއްލިއަކަށް ބޮޑުތަނުން ބޮޑުކޮށް، އެ ރަށްރަށުގެ އާންމު ރައްޔިތުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެގޮތުން ދ. ކުޑަހުވަދޫއިން މައުލޫމާތު ލިބިފައިވާ ގޮތުގައި، އަމިއްލަ ކުންފުންޏަކުން ތެލުގެ ވިޔަފާރިކުރާ ކުޑަހުވަދޫގައި މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދަނީ 36.50 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 40.90 ރުފިޔާއަށް އަރާފައެވެ. މީގެ ކުރިން އެ ރަށުގައި ޕެޓްރޯލް ލީޓަރެއް 18.49 ރުފިޔާއަށް ލިބެން ހުރިއިރު، މިއީ އެހެން ރަށްތަކާ އަޅާބަލާއިރު ރެކޯޑު މިންވަރެއްގެ ބޮޑުވުމެކެވެ.
ބައެއް ރަށްރަށުގައި އަމިއްލަ ވިޔަފާރިތަކުން ތެލުގެ އަގު މިގޮތަށް ބޮޑުކުރަން ފެށީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ބޮޑުވާނެކަން އެންގުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވިދާޅުވީ، އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށާއި، ޕަބްލިކް ފެރީތަކުގެ އިތުރުން "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން މަސްވެރިންނަށް ކުރިއެކޭ އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސަމުންދާ ކަމަށެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ، އާންމުންނަށް މާލީގޮތުން ބުރަޔަކަށް ނުވާނެހެން، ރަށްރަށުގައި އެސްޓީއޯއިން ގަނެގެން ޝެޑް ހިންގާ ފަރާތްތަކަށްވެސް ކުރީގެ ރޭޓުގައި ޕެޓްރޯލާއި ޑީސަލް ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ