ސައުދީން އިސްނަގައިގެން އުފެއްދި މެރިޓައިމް ޑިފެންސް ކޯލިޝަނުގައި ރާއްޖެ ބައިވެރިވެއްޖެ

ސައުދީން އިސްނަގައިގެން އުފެއްދި މެރިޓައިމް ޑިފެންސް ކޯލިޝަނުގައި ރާއްޖެ ބައިވެރިވެއްޖެ

Author
އަހުމަދު
16 ސެޕްޓެމްބަރ 2026 10:51
0

ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތައިގެ މުހިންމު ކަނޑުމަގުތައް ރައްކާތެރިކުރުމުގެ މަގުސަދުގައި ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ކޯލިޝަނުގެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ކަމަށެވެ.

ބާބުލް މަންދަބް ކަނޑުއޮޅި، ރަތްކަނޑު އަދި ގަލްފް އޮފް އޭޑަން ހިމެނޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ފްރީޑަމް އޮފް ނެވިގޭޝަން ކަށަވަރުކޮށްދިނުމާއި، އިންޓަނޭޝަނަލް ޓްރޭޑް ރޫޓުތަކުގެ ސެކިއުރިޓީ ގާއިމުކުރުމަކީ މި ކޯލިޝަނުގެ މައިގަނޑު މަގުސަދު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ކޯލިޝަން އުފައްދާފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ.ގެ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ރާއްޖޭގެ އިތުރުން ސައުދީއާ ގާތްގުޅުން ބާއްވާ ގިނަ ގައުމުތަކަކުން ވަނީ މި ކޯލިޝަނުގައި ބައިވެރިވެފައެވެ.

މި ކޯލިޝަނުގައި ބައިވެރިވުމުން ދެ ގައުމުގެ ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ބަދަހިވެ، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުވެ، ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.