މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްވެގެންވާ މައްކާގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ އެއްވެސް އަމަލަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތަކަކީ މުޅި އިސްލާމީ އުންމަތަށް ލިބޭ ފުން ހިތާމައެއް ކަމުގައި ވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.
މި ނާޒުކު ދަނޑިވަޅުގައި ދިވެހި ދައުލަތާއި ރައްޔިތުން ސާބިތުކަމާއެކު ތިބީ ސައުދީ އަރަބިއްޔާގެ ފަހަތުގައި ކަން ފާހަގަކުރައްވަމުން، އުމްރާވެރިންނާއި އާންމު ރައްޔިތުންގެ ހިމާޔަތުގައި ސައުދީގެ ރޯޔަލް އެއާ ޑިފެންސް ފޯސްއިން ދެއްކި އަވަސް އަދި ހުށިޔާރު ރައްދަށް ވެސް ރައީސް ތައުރީފުކުރެއްވިއެވެ. މީގެ އިތުރުން، ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ހަމަލާތައް ވަގުތުން ހުއްޓާލައި، މަޝްވަރާގެ މޭޒުދޮށަށް ރުޖޫއަވުމަށް އެ މަނިކުފާނު ހުރިހާ ފަރާތްތަކަށް ގޮވާލެއްވިއެވެ.
ސައުދީ ކޯލިޝަނުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވި ގޮތުގައި، ހޫތީން ފޮނުވާލި މި ޑްރޯން ވައްޓާލާފައި ވަނީ ރޭ އިރުއޮއްސި 6:50 ހާއިރު، މައްކާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން، މައްކާގެ ދެކުނު ސަރަހައްދުންނެވެ. މިއީ 2017 ވަނަ އަހަރުގެ ޖުލައި މަހަށްފަހު މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫތީން މިފަދަ ހަމަލާއެއް ދޭން މަސައްކަތްކުރި ދެވަނަ ފަހަރެވެ. ނަމަވެސް، ހޫތީން ވަނީ މި ހަމަލާގެ ޒިންމާ ނެގުމަށް ދެކޮޅު ހަދާފައެވެ.
މި ހާދިސާއާ ގުޅިގެން މައްކާއާއި ޖިއްދާގެ ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ފާއިތުވި ހަފުތާގައި ސައުދީގެ އެކި ސަރަހައްދުތަކަށް ހޫތީން ވަނީ ސިލްސިލާ ހަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ހޯމަ ދުވަހު ވައިގެ މަރުކަޒަކަށް ދިން ހަމަލާއެއްގައި 13 މީހަކު ޒަހަމްވިއެވެ.
ކޮމެންޓު ފޮނުވާ