ކަމާލޭގައި ސިނަމާލެ ބްރިޖުގައި ޖެހި، ދެ ތެޔޮ ޓޭންކަރު ދެމިގޮސް ހިނގި ހާދިސާގެ ޒިންމާ ނުނަގާނެ ކަމަށާއި، މިއީ "ޤުދުރަތީ ކާރިސާއެއް" ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ. ރިޕޯޓުތައް ބުނާގޮތުގައި، ދެމިގަނެގެންދިޔައިރު ދެ ޓޭންކަރު ގުޅުވާލެވިފައި ހުރީ އެންމެ ނަގިއްޔެއްގައެވެ.
މި ހާދިސާ ހިނގާފައިވަނީ ވިއްސާރަ ބޯކޮށް، ކަނޑު ގަދަވެފައި ވަނިކޮށް ބުރާސްފަތި ދުވަހުގެ ރެއެވެ.
ހާދިސާ ލޮލުން ދުށް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޙިއްޞާކޮށްފައިވާ ވީޑިއޯއިން ފެންނަނީ، މާލޭ ސިޓީގެ އުތުރު ފަރާތުގައި، އަލިމަސް ކާނިވާ ސަރަޙައްދު ކައިރީގައި ޓޭންކަރުތައް ދެމިގަނެގެންދާ މަންޒަރެވެ. އެއަށްފަހު އެއް ޓޭންކަރު ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި، އަނެއް ޓޭންކަރު ފަރަށް އެރިއެވެ.
ޓޭންކަރުތައް އިތުރަށް ދެމިގަނެގެންގޮސް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުން 30 ވަރަކަށް ނޯޓިކަލް މޭލު ދުރުން ކަނޑުއަޑިއަށް ފައިބާފައިވެއެވެ.
މި ބޮޑެތި ބޯޓުތަކަކީ މިދިޔަ އޭޕްރީލް މަހު ޣައިރު ޤާނޫނީގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެފައިވާ ބޯޓުތަކެކެވެ. ބޯޓުތަކުގައި ތިބީ އިންޑިއާގެ ފަޅުވެރިންނެވެ. އަދި އަވަސް އިންސާނީ އެހީއަށް އެދި ފަޅުވެރިން ސޯޝަލް މީޑިއާގައި ވަނީ އެދިފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ފަޅުވެރިން ސަލާމަތްކޮށް، އަނބުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި ދެ ބޯޓު ވެސް ހުރީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށާއި، އިތުރު މަޢުލޫމާތު ކަސްޓަމްސްއިން ޙިއްޞާ ކުރާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ހާދިސާއިން ގާތްގަނޑަކަށް ހަފުތާއެއް ފާއިތުވެގެންދިޔައިރު، ކަސްޓަމްސްގެ ތަރުޖަމާނަކު ބުދަ ދުވަހު "ސަން" އަށް ވިދާޅުވީ، ގޯސް މޫސުމުގެ ސަބަބުން ބޯޓުތަކުގެ ކޮންޓްރޯލް ގެއްލި، ދެމިގަނެގެންދިޔުމަކީ ޤުދުރަތީ ކާރިސާއެއް ކަމަށާއި، އެހެންކަމުން ހާދިސާގެ ޒިންމާ ކަސްޓަމްސްއިން ނުނަގާނެ ކަމަށެވެ.
ހާދިސާ އެމްއެންޑީއެފަށް ރިޕޯޓު ކުރެވިފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ، ޣައިރު ޤާނޫނީގޮތުން ރާއްޖެއަށް ބޯޓުތައް ވަދެފައި ވުމުން، ސްޓޭންޑަޑް ޕްރޮޓޮކޯލާ އެއްގޮތަށް ފިޔަވަޅު އަޅައި، ކޮންމެ ޓޭންކަރެއް 310,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް ބޯޓުތަކުގެ ވެރިފަރާތުން އަދި ޖޫރިމަނާ ދައްކާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ބޯޓުތައް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރީ ހަމައެކަނި ކްލިއަރެންސާ ގުޅޭ ކަންކަމުގައި ކަމަށާއި، ބޯޓަށް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ވަދެ ނުކުތުމުގެ ކަންކަން ބެލެހެއްޓުން ފިޔަވައި، އެހެން ހުރިހާ ޒިންމާތަކެއް ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންގެ ކިބައިގައި އޮތް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
"ބޯޓުތައް ވަދެފައި ވަނީ ޣައިރު ޤާނޫނީގޮތުން. އެހެންވެ އެކަން ބަލައި، ކޮންމެ ބޯޓެއް 310,000 ރުފިޔާއިން ޖޫރިމަނާކުރިން. އެ ޖޫރިމަނާ ދައްކާފައެއް ނުވޭ،" ތަރުޖަމާނު ވިދާޅުވިއެވެ.
ޝިޕިންގ ދާއިރާގެ އިތުބާރު ހުރި މަޞްދަރުތަކުން ބުނާ ގޮތުގައި، 'ކޭޖީ 1′ އަދި 'އޭއެލް 1′ ނަމަކަށް ކިޔާ މި ދެ ޓޭންކަރު އޮތީ ޣައިރު ޤާނޫނީގޮތުން ރާއްޖެއަށް ވަދުނު މައްސަލައިގައި ތަޙްޤީޤު ކުރަމުންނެވެ. ބޯޓުތަކުގައި ތިބި އިންޑިއާގެ 20 ފަޅުވެރިން ފަހުން ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ ތެރެއިން 11 ފަޅުވެރިޔަކު މިހާރު ފުރައިގެން ގޮސްފައިވާއިރު، ބާކީ 9 ފަޅުވެރިން ޑީޕޯޓު ކުރުމަށް ވަނީ ނިންމާފައެވެ.
ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުޠައްލިބު ހުކުރު ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ވިދާޅުވީ، ބްރިޖު އެޅި ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ)ގެ އިންޖިނިއަރުން ބުރާސްފަތި ދުވަހުގެ ރެއާއި، ހުކުރު ދުވަހުގެ ހެނދުނު ބްރިޖު އިންސްޕެކްޓު ކުރި ކަމަށާއި، ބްރިޖުގެ ޢުމުރާނީ އެއްވެސް ގެއްލުމެއް ފެންމަތިވެފައި ނުވާ ކަމަށެވެ. ފެންމަތި ވެފައި ވަނީ ބޭރުފުށަށް ލިބިފައިވާ ކުދި ހުޅުތަކެއް ކަމަށާއި، އެކަން ކުންފުނިން މަރާމާތު ކުރާނެ ކަމަށެވެ.
މި ހާދިސާގައި ފަރަށް ގެއްލުމެއް ލިބިފައި ވޭތޯ ވެސް ކަމާ ބެހޭ ފަރާތްތަކުން ބަލަމުން އެބަދެއެވެ.
ކޮމެންޓު ފޮނުވާ