ނަރުހުން ވަޒީފާގައި ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހޭ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި މުވައްޒަފުންގެ ޝަކުވާތަކަށް ދެފުށް ފެންނަ ގޮތަކަށް ޖަވާބުދާރީވާނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ 14 ވަނަ ބައްދަލުވުމުގައި ނަރުހަކު ހުށަހެޅި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުންނެވެ. ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ނަރުސް ބުންޏެވެ. އަދި ޝަކުވާ ހުށަހަޅާއިރު ވަޒީފާދޭ ފަރާތްތަކުން އެކަށީގެންވާ ޖަވާބެއް ނުދޭ ކަމަށް ވެސް ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި ބައެއް ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ ވެރިކަމުގައި ތިބީ ނަރުހުންގެ މަސައްކަތުގެ ތަޖުރިބާ ނެތް ފަރާތްތަކެވެ. އެހެންވެ ނަރުހުންގެ މަސައްކަތާ ބެހޭ ނިންމުންތައް ނިންމަނީ ނަރުހުންގެ ދައުރު ރަނގަޅަށް ނުވިސްނައި ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މައްސަލަތައް އައިޖީއެމްއެޗްގައި ވެސް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަރުހުންނަކީ މުޖުތަމަޢަށް ވަރަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަން ރަނގަޅުކުރުމަށް ސަރުކާރުން އިސްކަންދީ ސީރިއަސްކޮށް ބައްލަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައާއި ގޯނާ ހުއްޓުވުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަކީ އެކަމުގެ ތެރެއިން އެއް ފިޔަވަޅެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ޤައުމީ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވެސް ސަރުކާރުން ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ