49 އަހަރުގެ ދަތުރަކަށްފަހު ބިމުން 26 ބިލިއަން ކިލޯމީޓަރު ދުރަށް ވޮޔޭޖާ 1 ދަތުރު ކޮށްފި

49 އަހަރުގެ ދަތުރަކަށްފަހު ބިމުން 26 ބިލިއަން ކިލޯމީޓަރު ދުރަށް ވޮޔޭޖާ 1 ދަތުރު ކޮށްފި

Author
އަހުމަދު
21 ނޮވެމްބަރ 2026 09:17
0

 

ނާސާގެ ވޮޔޭޖާ 1 ބިމާ އެއް ލައިޓް-ޑޭގެ ދުރުމިނަށް އިއްޔެ ވާސިލުވެއްޖެއެވެ. އެ ދުރުމިނަށް ދިޔަ ފުރަތަމަ އިންސާނުން އުފެއްދި އުޅަނދަކީ ވޮޔޭޖާ 1 އެވެ. އަލި 24 ގަޑިއިރުގައި ދަތުރުކުރާ މި ދުރުމިނަކީ ގާތްގަނޑަކަށް 26 ބިލިއަން ކިލޯމީޓަރެވެ.

ނާސާއިން ބުނީ، 1977 ވަނަ އަހަރު ފޮނުވާލި މި އުޅަނދު މި ދުރުމިނަށް ވާސިލުވީ އިރުމަތީ ގަޑިން އިއްޔެ ފަތިހު 5:16 ގައި ކަމަށެވެ. އުޅަނދުން ފޮނުވާ ސިގްނަލް ބިމަށް ލިބުމަށް ގާތްގަނޑަކަށް އެއް ދުވަސް ނަގައެވެ.

"އެއް ލައިޓް-ޑޭ ދުރަށް ދެވުމަކީ ހައިރާންކުރުވަނިވި ކާމިޔާބީއެއް. މިއީ ދުވަހަކުވެސް ފެންނާނެކަމަށް އުންމީދުކުރި ކަމެއް ނޫން،" ވޮޔޭޖާ ޕްރޮޖެކްޓް މެނޭޖަރު ސޫޒަން ޑޮޑް ވިދާޅުވިއެވެ.

ވޮޔޭޖާ 1 ދަތުރުކުރަނީ ގަޑިއަކު ގާތްގަނޑަކަށް 61,000 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އިންޓަސްޓެލާ ސްޕޭސްއަށް އެ އުޅަނދު ވަދެފައިވަނީ 2012 ވަނަ އަހަރުއެވެ. އެއާއެކު ފޮނުވާލި ވޮޔޭޖާ 2 އިންޓަސްޓެލާ ސްޕޭސްއަށް ވަނީ 2018 ގައެވެ.

ކަރަންޓު ސަލާމަތްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އިތުރު ތިން ހަތަރު އަހަރު ދުވަހު ދެ އުޅަނދުވެސް ބިމާ ގުޅިގެން ހުންނާނެ ކަމަށް ޖޭ.ޕީ.އެލް އިން ބުނެއެވެ. ނަމަވެސް ދެ އުޅަނދުވެސް 50 އަހަރާ ކައިރިވެފައިވާތީ، ކުރިމަތިވާނެ ކަންކަން ދުރާލާ ލަފާކުރަން ދަތިކަމަށް ވެސް ޖޭ.ޕީ.އެލް އިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.