އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު (772 މިލިއަން ރުފިޔާ) މިއަދުގެ ނިޔަލަށް ދައްކަން ޖެހޭ ކަމަށާއި، އެ ފައިސާ ދެއްކުމުން މަރުކަޒީ ބޭންކުގެ ޔޫސަބަލް ރިޒާވް ބޮޑުތަނުން ސޮއްސާލާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު 'އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާއިން ފެށިގެން މަރުކަޒީ ބޭންކުގެ ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ހީނަރުވާނެ ކަމަށާއި، އަސާސީ ކާބޯތަކެއްޗާއި ތެލާއި މެޑިކަލް ސަޕްލައިސް އެތެރެކުރަން ބޭނުންވާ މިންވަރަށް ވެސް ބޭރު ފައިސާ ނުހުންނާނެ ކަމަށެވެ.
ނަޝީދު ފާހަގަކުރެއްވި 50 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދޫކުރި 200 މިލިއަން ޑޮލަރުގެ ތެރެއިން ނުދެއްކި އެންމެ ފަހަށް އޮތް ބައެވެ. ޓީ ބިލުގެ ގޮތުގައި ދޫކުރި މި ފައިސާ ދެއްކުން ކުރިން އިންޑިއާއިން ފަސްކޮށްދީފައިވާއިރު، މިދިޔަ މެއި މަހު 50 މިލިއަން ޑޮލަރު ދެއްކުމަށްފަހު ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަން ޖެހިފައި ވަނީ މާދަމާ (17 ސެޕްޓެމްބަރު) އެވެ.
އެނގިފައިވާ ގޮތުގައި، ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިފައިވީ ނަމަވެސް، އެކަމަށް އިންޑިއާއިން އަދި އިޖާބައެއް ނުދެ އެވެ.
ކޮމެންޓު ފޮނުވާ