ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާ އިސްވެ އުފައްދާ ބައިނަލްއަޤުވާމީ ކޯލިޝަނުގައި ޔޫއޭއީން ބައިވެރިވުމުގެ ފެހި ސިގްނަލެއް ދީފިއެވެ.
ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް މިކަން ހާމަކުރެއްވީ އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ސީއެފްއާރު) އިން ބޭއްވި އޮންލައިން ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ މިވަގުތު އީރާނާއެކު ސީދާ މަޝްވަރާތަކެއް ނުކުރާ ކަމަށެވެ. ގަރްގާޝްގެ މި ބަސްފުޅަކީ، ހޮރްމޫޒް ކަނޑުއޮޅި ހިމާޔަތްކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގޮވާލެއްވި ގޮވާލެއްވުމަށް ލިބުނު ވަރަށް މަދު ފައްސި ޖަވާބުތަކުގެ ތެރެއިން އެއް ޖަވާބެވެ.
ޓްރަމްޕް ވަނީ ޗައިނާ، ފްރާންސް، ޖަޕާން، ދެކުނު ކޮރެއާ، އިނގިރޭސިވިލާތް އަދި ނޭޓޯ ފަދަ ފަރާތްތަކަށް މި ކޯލިޝަނުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް ގިނަ ޤައުމުތަކުން ވަނީ މިކަމާ ފާޅުގައި ދެކޮޅު ހަދާފައެވެ. އޮސްޓްރޭލިއާ، ޖަޕާން އަދި ވިލާތުގެ ގިނަ ޤައުމުތަކުން އަސްކަރީ ގޮތުން ބައިވެރިނުވާނެކަން ހާމަކޮށްފައިވާއިރު، ޖަރުމަނުގެ ދިފާޢީ ވަޒީރު ބޮރިސް ޕިސްޓޯރިއަސް ވިދާޅުވީ މިއީ އެމީހުންގެ ހަނގުރާމައެއް ނޫން ކަމަށާއި އެ ހަނގުރާމަ ނުފަށާނެ ކަމަށެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާވެސް ވަނީ ކަނޑުއޮޅި ހުޅުވާނެ ޕްލޭނެއް ހެދި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް ނުވަންނާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އެ ޤައުމަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެމެރިކާއާއި އެ ޤައުމުގެ ބައިވެރިންގެ އުޅަނދުތަކަށް އަމާޒުކޮށް އީރާނުން އެޅި މި ފިޔަވަޅާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 40 އާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. މި ނާޒުކު ދަނޑިވަޅުގައި ޔޫއޭއީގެ ނިންމުމަކީ ޓްރަމްޕްގެ ކޯލިޝަނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ކޮމެންޓު ފޮނުވާ