ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ބިން ދޫކުރުން ހުއްޓުވަން ފުލުހަށް މައްސަލަ ހުށަހަޅައިފި

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ބިން ދޫކުރުން ހުއްޓުވަން ފުލުހަށް މައްސަލަ ހުށަހަޅައިފި

Author
އައިޝަތު އަޙްމަދު
17 މާރޗް 2026 11:49
0

ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށްޓަކައި އެ ރަށުން ބިން ދޫކުރުން ހުއްޓުވައިދިނުމަށް އެދި ހަނިމާދޫ ކައުންސިލުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މިއީ ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގަމުންދާ އިދާރީ މުއާމަލާތްތަކަކާ ގުޅޭ ކަމެއް ކަމަށާއި، މީގެ ތެރޭގައި އެއްވެސް ޖިނާއީ ކުށެއް ހިމެނިފައި ނުވާކަމަށެވެ. އެހެންކަމުން، މިކަމަށް މަދަނީ ހައްލެއް ހޯދުމަށް ފުލުހުން ވަނީ ކައުންސިލަށް އިރުޝާދު ދީފައެވެ.

ހިރިމަރަދޫގެ އާބާދީ މަދުވުމުގެ ސަބަބުން އެ ރަށު ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމައި އެ މަސައްކަތް ފަށާފައިވާއިރު، މިކަމާ ދެކޮޅަށް ހަނިމާދޫގެ ބައެއް ރައްޔިތުން ވަނީ މިދިޔަ ހަފުތާގައި މުޒާހަރާވެސް ކޮށްފައެވެ. އެ މީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ހިރިމަރަދޫ މީހުންނަށް ގޯތި ދޫކުރަނީ ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް ކަމަށް ބުނެއެވެ. އަދި އެ މީހުން ގޮވާލާފައިވަނީ ހަނިމާދޫ ރައްޔިތުންނަށް ދޭން ވައުދުވެފައިވާ 600 ގޯތީގެ ކަންކަން ހަމަޖެއްސުމަށްފަހު ނޫނީ އެހެން ބަޔަކަށް އެ ރަށުން ގޯތި ނުދިނުމަށެވެ.

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވެގެން 2016 ވަނަ އަހަރުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ނުލިބި އޮތުމަށްފަހު، މި ސަރުކާރުން ވަނީ އެ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމާފައެވެ. ޖުމްލަ 585 މީހުންގެ އާބާދީއެއް އޮންނަ ހިރިމަރަދޫގައި މިވަގުތު ދިރިއުޅެނީ އެންމެ 229 މީހުންނެވެ. އޭގެ ތެރޭގައި 52 ކުޑަކުދިންނާއި 65 އަހަރުން މަތީގެ 28 މީހުން ހިމެނޭއިރު، 18 އަހަރާއި 45 އަހަރާ ދެމެދުގެ ޒުވާނުން އެ ރަށުގައި ވަރަށް މަދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.